ޙައްޖުގެ ޚިދުމަތާ ބެހޭ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކޮށްފި
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެގްރީމެންޓްގައި ސޮއިކުރުން
12 ޖެނުއަރީ 2025 - 10:01
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މިއެގްރީމަންޓްގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
މި އެގްރީމެންޓްގައި ބަޔާންވެގެންވަނީ ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތަކެވެ. މިގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުމާއި މިފަދަ މުހިންމުކަންކަންކަން ބަޔާންވެފަވެއެވެ. މިއީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގައި ބައިވެރިވާ ސައުދީ ވަފްދުގެ އިސްވެރިޔާ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެެރެއިން ރާއްޖެއިން ކޮންމެ އަހަރަކު ހައްޖަށްދާ މީހުންގެ އަދަދު ނުވަތަ ހައްޖު ކޯޓާ އިތުރުކުރުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެެ. އަދި ސަރުކާރުން އަންނަނީ ސައުދީ ސަރުކާރާއެކު މިހާރުވެސް މިކަމާ ގުޅިގެން މަޝްވަރާތައް ކުރަމުންނެވެ.