ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ފަރުދީ ޒިންމާ އަދާކުރޭ - އެންޑީއޭ
13 ޖެނުއަރީ 2025 - 08:37
މޫސުމީ ވިއްސާރައިން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެދިވަޑައިގެންފިއެވެ.
ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައްވާފައެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ އެ އިދާރާގެ އިމަރޖެންސީ އޮޕަރޭޝަންސް އެކްޓިވޭޓްކުރެވި އެހީ ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަކަމަށެވެ.
ޙިސާން ވަނީ މާލޭގައި ފެން ބޮޑުވެގެން އެންމެ ބޮޑަށް އަސަރުކުރާ ގޭބިސީތަކުގައި ވެލި ބަސްތާ ޖެހުމަށްކުރާ މަސައްކަތުގެ ތަފްސީލު ޙިއްސާކުރައްވާފައެވެ. އެގޮތުން 57 އަށްވުރެ ގިނަ ތަންތަނުގައި ވެލިބަސްތާ ޖަހާފައިވާކަން ފާހަގަކުރައްވާ ޙިސާން ވިދާޅުވީ އަދިވެސް ވެލިބަސްތާ ޖެހުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.ޙިސާންވެސް ވަނީ މޫސުމީ ވިއްސާރައިން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ މި ޓާސްކް ފޯހުގެ ޖޮއިންޓް އޮޕަރޭޝަން މަރުކަޒު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ޤާއިމްކުރައްވާފައިވާކަމަށެވެ.
ހިލްމީ ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ. އެގޮތުން މާލޭގައި ވެލި ބަސްތާ ޖެހުމާއި، ޕަންޕް ސްޓޭޝަންތައް ބޭނުންކުރުމަށް ސިފައިން ތިބީ ތައްޔާރަށްކަމަށް ހިލްމީ ވިދާޅުވިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ސިފައިން ތައްޔާރައް ތިބިކަން ހިލްމީ ފާހަގަކުރެއްވިއެވެ.