logoEN
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމަށް މުޅިން އައު ޚިދުމަތެއް ފަށަނީ

"އެމްޕަވަރމަންޓް ހަބް" ގެ ފަހުމުނާމާގައި ސޮއިކުރުން އަދި ޕްރޮޖެކްޓު ލޯންޗުކުރުން--ފޮޓޯ:އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

"އެމްޕަވަރމަންޓް ހަބް" ގެ ފަހުމުނާމާގައި ސޮއިކުރުން އަދި ޕްރޮޖެކްޓު ލޯންޗުކުރުން--ފޮޓޯ:އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމަޢެއް ހޯދުމަށްޓަކައި "އެމްޕަވަރމަންޓް ހަބް"ގެ ނަމުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން އިސްނަގައިގެން ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި ގުޅިގެން ޚިދުމަތެއް ފަށަން ވަނީ ތާވަލުކޮށްފިއެވެ.

މި ހަބްގެ އަމާޒަކީ، ސްކޫލްގެ މަރުހަލާ ފުރިހަމަކުރުމަށްފަހު މުޖުތަމަޢުއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މިނިވަންކަމާއިއެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ހޯދައިދިނުމަކީ މި ހަބްގެ މުހިއްމު އެއް މަޤްޞަދުކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވޭ މި ހަބްގައި، ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ފިހާރަ އެއް ހިމެނޭނެއެވެ. އަދި ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި ހުނަރު ތަރައްޤީ ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މި ހަބްގައި 3 ވޯރކްޝޮޕް ޖާގައެއް ހުންނާނެއެވެ، މީގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނޭނެއެވެ. އަދި އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމް އެއް ހުންނާނެއެވެ.

މިއަހަރު ތެރޭގައި މި ހަބް ހުޅުވުމަށް ރޭވިފައިވާއަިރު، ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވެއެވެ.

އެ ވުޒާރާއިން ބުނަނީ އެމްޕަވަރމަންޓް ހަބްގެ ކާމިޔާބު ގުޅިފައިވަނީ މަދަނީ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދްމަތްދޭ ތަންތަނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމަށެވެ. ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓާއި ބެހޭ މަޝްވަރާއާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މިއީ ރާއްޖޭގައި މިފަދަ ޚިދުމަތެއް ފެށޭ ފުރަތަމަ ފަހަރެވެ. މި ޚިދުމަތް އަމާޒުކުރެވިފައިވަނީ 18-40 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ.

ކޮމެންޓް

871x217_placeholder