logoEN
ރިޕޯޓް

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުން، އައު ވިސްނުމަކުން އައު ހަރުފަތަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ

17 ޖެނުއަރީ 2025 - 07:06

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތަސައްވުރު ބަޔާންކުރާ ''ދިވެހިންގެ ރާއްޖެ'' މެނިފެސްޓޯގައި ''ޓެކޮނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަން'' ސިޔާސަތަކީ މިހާތަނަށް ރައީސް މުޢިއްޒު ފިޔަވައި ދިވެހި ވެރިއަކު ރާއްޖެއާއި މެދު ގެންގުޅުއްވި ތަސައްވުރެއްނޫނެވެ.

އަޅުގަނޑުމެން މިއަދު އުޅެމުން މިދަނީ ޑިޖިޓަލް ދުނިޔެއެއްގައެވެ. ދިރިއުޅުމުގެ ފަސޭހަކާއި، އަވަސްކަމާއި، އައު ޚިޔާލާތުގެ އެންމެ ބޮޑު މަދަދުގާރަކީ މިޒަމާނަށް ފައްކާކޮށްފައިވާ ޓެކޮނޮލޮޖީއެވެ. ލާމެހިފައިވާ ދުނިޔެއެއްގައި ތަރައްޤީއާއި ތަމައްދުންގެ މަތީ ކުރި ބޯއްޓަށް ވާސިލްވެވެން އޮތީ ވެސް ޓެކްނޮލޮޖީއާއި، ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވިގެންނެވެ.

ރައީސް މުޢިއްޒު 13 ޖެނުއަރީ 2024 ގައި އުތުރު ޔޫރަޕްގެ އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު އިއްޔެ ނިންމަވާލައްވާފައިވާއިރު، ދަތުރުފުޅުގެ މައިގަނޑު ލަނޑުދަނޑިއަކަށް ހައްދަވާފައި ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ. މިއީ ދިވެހި ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާއި ބައްދަލުކުރެއްވުން

ރައީސް މުޢިއްޒު އެސްޓޯނިއާގެ ރައީސް ކަރިސްއާ ބައްދަލުކުރެއްވީ އެ ޤައުމަށް ވަޑައިގަތް ދުވަހު، 13 ޖެނުއަރީ 2024 ގައެވެ.

މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސައިބަރ ސެކިއުރިޓީ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިގޮތުގައި އެސްޓޯނިއާއަކީ އިޢާދަކުރަނިވި ހަކަތަ، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންނެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ޑިޖިޓަލް ތަރައްޤީ އާއި ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވިއެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން ދިނުމަށްވެސް އެއްބަސްވިއެވެ.

undefined

އެސްޓޯނިއާގެ އިސްވެރިންނާއި ބައްދަލުކުރެއްވުން

ރައީސްގެ މިދަތުރުގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރެއްވުމުގެ މަގު ކޮށްޓެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް، އެސްޓޯނިއާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް، ކްރިސްޓީނާ ކެލަސް، އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް، އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް އަދި އެސްޓޯނިއާގެ ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވް އާއި ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުންތަކުގައި ވެސް ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި އެހީތެރިކަން ހޯދުމާއި، އެ މިނިސްޓްރީއެއްގެ މަސައްކަތްތަކުގެ ދަށުން ރާއްޖެއަށް އެހީތެރިވެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގެ މަޝްވަރާތައް ވަނީ ކުރަށްވާފައެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސް މުޢިއްޒު ވަނީ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު ރައުންޑްޓޭބަލް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މި މަޝްވަރާގައި ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރެއްވިއެވެ. ޑިޖިޓަލް ރާއްޖޭގެ ތަޞައްވުރަކީ، އެންމެންނަށްވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަޞައްވުރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޢަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާ، މިފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަންދެނިވި މޭރުމަކުން ކަމުގައިވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެއާއެކު ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އެފަރާތްތަކުގެ ތަޖުރިބާ ޙިއްސާކޮށްދެއްވާ، ޚިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން، ކައުންސިލުގެ މެންބަރުން ފާޅުކުރެއްވިއެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު ކުރިއަށް ގެންދެވި މަޝްވަރާތައް ޢަމާޒު ކުރެއްވީ ދިވެހިރާއްޖޭގެ އަދުގެ ޙާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެއަށް އެންމެ ބޭނުންރެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.

މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުން
އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރެއްވުން

ރައީސްގެ މި ދަތުރުފުޅުގައި ވަނީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތް ކުރަށްވާފައެވެ. މި ޒިޔާރަތުގައި އެތަނުން ވަނީ އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނަކާއި، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއް ހުހަޅާފައެވެ.

ޓާރްޓޫ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުން

ރައީސް ވަނީ އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް ވެސް ޒިޔާރަތް ކުރަށްވާފައެވެ. ޓާރްޓޫ ޔުނިވަރސިޓީ އަކީ އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. ރައީސް ވަނީ އެ ޔުނިވަރސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ސުވާލުކުރައްވާފައެވެ. މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތަޢުލީމާއި، ދިރާސާކުރުމާއި އަދި ތަމްރީނުގެ ފުރުސަތުތަކުގެ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން، ޚާއްޞަގޮތެއްގައި މަޝްވަރާތައް އަމާޒުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދެނެގަތުމަށެވެ.

އެސްޓޯނިއާގެ ބަޔޯބޭންކަށް ޒިޔާރަތްކުރެއްވުން

މި ދަތުރުފުޅުގައި ރައީސް އެސްޓޯނިއާގެ ބަޔޯބޭންކަށްވެސް ޒިޔާރަތްކުރަށްވާފައިވާއިރު، ޓާޓޫ ޔުނިވަރސިޓީގެ ބަޔޯބޭންކަކީ 2001ވަނަ އަހަރު ޤާއިމްކުރި ދިރާސީ ފެސިލިޓީއެކެވެ. މި ޒިޔާރަތުގައި، ޕްރޮފެސަރ މިލާނީ ވަނީ އެ ފެކަލްޓީގެ މައިގަނޑު މަސައްކަތްތަކާއި ދިރާސީ މަސައްކަތްތަކުގެ ތަފްޞީލްތައް ރައީސަށް އަރުވާފައެވެ.

ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޤައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވާފައެވެ. ޓާރްޓޫގައި ހުންނަ ޤައުމީ ދާރުލްއާސާރު ޚާއްޞަކޮށްފައިވަނީ އެ ޤައުމުގެ ތާރީޚާއި ޘަޤާފަތާއި އާދަކާދަތައް ދައްކާލުމަށެވެ. އެތަނުގައި ހުރި އެކި މަޢުރަޒުތަކުން، އެ ޤައުމުގެ އެވޭލާ ތާރީޚާއި، ޒަމާނީ އިޖުތިމާޢީ ކުރިއެރުންތަކާއި، އިޖުތިމާޢީ ޝަޚްޞާއި، ތަރިކަ އަދި ފަންނިންޔާތުގެ ތަރައްޤީ ދައްކުވައިދެއެވެ.

ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރެއްވުން

އެސްޓޯނިއާގެ ގްރީނަރޖީ ޑޭޓާ ސެންޓާރސް (ޖީ.ޑީ.ސީ.)އަށް ރައީސް ކުރެއްވި ޒިޔާރަތުގައި ޖީ.ޑީ.ސީ.ގެ ފައުންޑަރ އުއްލަރު ޔާކްސޯ ވަނީ އެ ސެންޓަރާ ބެހޭގޮތުން ރައީސަށް ޕްރެޒެންޓޭޝަނެއް ހުށައަޅައިދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ޔާކްސޯ ވަނީ، މި ސެންޓަރުގެ މުހިންމު އެއް އަމާޒަކީ ސެންޓަރުގެ ޕާޓްނަރުން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ގުޅިލާމެހިފައިވާ ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުކޮށްދިނުމަށްޓަކައި އެޑްވައިޒަރީ ރޯލެއް އަދާކުރުންކަން ފާހަގަކުރައްވާފައެވެ. މިއަށްފަހު ރައީސް ވަނީ އެ ސެންޓަރ ބައްލަވާލައްވާ، ހަކަތަ ސަމަކާރަ ކުރުމާގުޅޭ މަސައްކަތްތަކާއި ޑޭޓާ ރައްކާކުރުމުގައި އެ ސެންޓަރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ފަހުމުނާމާތަކެއްގައި ސޮއިކުރެއްވި

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެ އާއި އެސްޓޯނިއާ އާއި ދެޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.

މީގެ އިތުރުން ސައިބަސެކިއުރިޓީ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް ވެސް ފަހުމުނާމާއެއްގައި ސޮއިކުރެއްވިއެވެ.

ކާމިޔާބު ދަތުރުފުޅެއް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މި ދަތުރުފުޅުން ފެނިގެން ދިޔައީ ޤައުމު އާރާސްތުކުރުން ހަލުވިކޮށް، ޒަމާނީކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަން ޤާއިމުކޮށްދިނުމަށް އެމަނިކުފާނު ކުރަށްވަމުން ގެންދަވާ މަސައްކަތަށް މަގުކޮށްޓަވައި، އެހީތެރިކަން ހޯއްދަވައި، ކުރިއަށް ވަޑައިގަތުމުގައި ސާބިތުވެ ހުންނެވި މަންޒަރެވެ. މުޅި އެސްޓޯނިއާގެ ތަޖުރިބާގެ މައުލޫމާތު އެއްކުރެއްވި، އެ ޤައުމާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު ރާއްޖެއާއި މެދު އިތުރަށް ބޮޑުކުރިވި ދަތުރެއްގެ ގޮތުގައި މިދަތުރުވެގެން ދެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder