logoEN
ޚަބަރު

އިދިކޮޅުން ވަޒީރު އިހްސާނާ ގުޅުވައި ހަދަނީ ބުހުތާނު ދޮގު، އެ ވާހަކަތަކުގައި އަސާސެއް ނެތް: މެންބަރު އިއްބެ

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން، މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނި -- ފޮޓޯ: މެންދުރު ޓީވީ

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން، މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނި -- ފޮޓޯ: މެންދުރު ޓީވީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

19 ޖެނުއަރީ 2025 - 07:34

އިދިކޮޅު ފަރާތްތަކުން ދާޚިލީ ވަޒީރު، އަލީ އިހްސާނާ ގުޅުވައި ހަދަނީ ބުހުތާނު ދޮގު ކަމަށާއި، އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ "މައުޟޫ" ޕޮރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިބްރާހިމް ވިދާޅުވީ، މިއަދުގެ ދާޚިލީ ވަޒީރު އިހްސާނާ ގުޅުވައި އިދިކޮޅު ފަރާތްތަކުން ދައްކަނީ ވަޒީރުގެ އަގު ވައްޓާލައި، އިދިކޮޅުން ބޭނުންވާ ކަންތައްތަކެއް ޙާސިލުކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިއަދު އެންމެ ރަނގަޅަށް ހިންގާ ވުޒާރާތައް ބަލައި، އެ ވުޒާރާތައް ހިންގަވާ ފަރާތްތަކާ މެދު އެފަދަ ވާހަކަތައް ފަތުރަނީ ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް ދައްކާ ވާހަކަތަކެއްގެ ގޮތުގައި ވެސް، އެ ވާހަކަތައް މެންބަރު ސިފަކުރެއްވިއެވެ.

އެންމެ ރަނގަޅަށް ހިނގާ މިނިސްޓްރީތައް ބަލާފައި، އެ ބޭފުޅުންނާ ބެހޭ ގޮތުން އެކިއެކި ފާޑުފާޑުގެ ވާހަކަތައް ދައްކައި، މީޑިޔާތަކުގައި ދޮގު ފެތުރުމަކީ އެއީތާ ސަރުކާރެއްގެ ހުއްޓުމަކަށް އަންނާނެ ކަމަކީ. އެހެންވީމާ އެކަން ކުރުމަށްޓަކައި މި ބޭފުޅުން މިއަދު، މިނިސްޓަރު އިޙްސާންގެ ވާހަކަ ދައްކައި. މިއީ ހަމަ ކަނޑައެޅިގެން ދޮގު. ބުހުތާނު ދޮގު. އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން މީކީއެއް، - ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން

މެންބަރު ވިދާޅުވީ، މިއަދު އިދިކޮޅު ފަރާތްތަކުގެ ތެރެެއިން ވަކިން ޚާއްސަކޮށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެފަދަ ވާހަކަތަކެއް ދައްކަނީ އެމްޑީޕީ ވައްޓާލުމަށްފަހު ޕީއެންސީން ރައްޖޭގެ މެންބަރުން އެންމެ ބޮޑު ޕާޓީއަށް ވުމާއި، މިއަދުގެ ސަރުކާރުން ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ކަންކަން ކޮށްދޭތީ ކަމަށެވެ.

އެހެންކަމުން އިދިކޮޅުން އެފަދަ ވާހަކަތައް ދައްކަނީ، މިއަދުގެ އެކަންކަން ހަޖަމު ނުކުރެވޭތީ ކަމުގައި ވެސް މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

މިސާލަކަށް ޕީއެންސީއަށް 75،000 މެންބަރުން ނުވަތަ 100،000 މެންބަރުން، މިހާރު ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެހެންވީމާ އެ ޕާޓީ ބޮޑުވުމާ ގުޅިގެން، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް އެމްޑީޕީން މިކަމުގެ އަޑީގައި އޮވެގެން، ކޮންމެވެސް ބަހަނާއެއް ދައްކައި، އަޅުގަނޑުމެންގެ ޕާޓީ ބޮޑުވީމައި، އެކަމާ ހިތްހަމަޖެހިވަޑައިނުގަނެގެން މި އުޅެނީ. އެހެންވީމާ މިކަމަކީ ކަނޑައެޅިގެން މި ބޭފުޅުން އަލަކަށް ދައްކަވާ ވާހަކައެއް ނޫން. މިއަދު އެމްޑީޕީގެ ގޮތުގައި ރާއްޖޭގެ ރަށްތަކުގައި އުޅޭ ބޭފުޅުން، އެބޭފުޅުން ދައްކާ ވާހަކައެއް ގަބޫލެއް ނުކުރޭ. ގަބޫލުނުކުރަނީ އެ ބޭފުޅުންނަށް އެތައް ފަހަރަކު ވެރިކަން ކުރަން ލިބި، ވެރިކަން ކުރަން ލިބުނީމާ ކަންކަންކުރަނީ ރައްޔިތުންނާ މުޅިން ދުރަށް ދާ ގޮތަށް. އެހެންވީމާ މިއަދު އަޅުގަނޑުމެންގެ ޕީއެންސީގެ ވެރިކަމެއް މިގައުމުގައި ކުރާ އިރުގައި މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ރައްޔިތުން ހަމަހަމަ، އިންސާފުވެރިކަމާ އެއްކޮށް ކަން ކުރައްވާ މަންޒަރު ނުވަތަ އެގޮތަށް ބަސްތައް ވިދާޅުވަމުން. އެކަން ކުރައްވަމުން ގެންދަވަނިކޮށް މި ބޭބޭފުޅުންނަށް މި އުޅޭނީ، އަޅުގަނޑުމެންގެ އިދިކޮޅު ބޭބޭފުޅުންނަށް މި އުޅެނީ މިކަން ޙަޖަމު ނުކުރެވިގެން،- ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން

މެންބަރު އިތުރަށް ވިދާޅުވީ، ދޮގު ވާހަކަތައް ފެތުރުމުން ރައްޔިތުން ރުޅި އަރުވަން އެމްޑީޕީން މަސައްކަތްކުރި ނަމަވެސް، މިއަދު އެމްޑީޕީން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން ކަންކަމުގެ ތެދާއި ދޮގު މިހާރު ރައްޔިތުންނަށް ސާފުވާ ކަމަށާއި، އެ މައުލޫމާތުތައް ވެސް ވަރަށް ފަސޭހައިން ހޯދޭނެ ގޮތްތައް ވެސް މިހާރު އެބަހުރި ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް ނޭނގި، މިއަދު އެމްޑީޕީއަށް އޮޅުވާލެވޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައި ވެސް މެންބަރު ވިދާޅުވިއެވެ.

ހަގީގަތުގައި މިއަދުގެ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން. މީކީ މިހާރު ރައްޔިތުންނަށް ހުރިހާ އިންފޮމޭޝަންއެއް ވަރަށް ފަސޭހައިން ލިބެން ހުރޭ. ދޮގާ ތެދާ ކޮބައިކަން ރައްޔިތުންނަށް އެބަ އެނގޭ. އަބަދު އެމްޑީޕީން ތިމަންނަމެން ރައްޔިތުން ތިމަންނަމެން ބޭނުންހާ ގޮތަކަށް، ތިމަންނަމެން އިދިކޮޅު ޕާޓީއަކަށް އޮވެގެން ތިމަންނަމެން މި ކުރަނީ މިއަދުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމޭ ކިޔާފައި ދޮގު ހަދައިގެން މި ވާހަކަތައް ދެއްކީމާ ރައްޔިތުންނަށް އެބަ އެނގޭ. މީގެ ތެދު ހަގީގަތް ރައްޔިތުންނަށް އެބަ އެނގޭ. ރައްޔިތުންނަށް ނޭނގޭ ވާހަކަތަކެއް ނެތް، - ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން

މެންބަރު އެފަދައިން ވިދާޅުވީ، ދާޚިލީ ވަޒީރު އަލީ އިހްސާނު އިސްވެ ހުންނަވައި، ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް އާންމުން ވައްދާކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅުވައެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅި ނަމަވެސް، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ފުރިހަމަ ތާއީދު، ވަޒީރު އިހްސާނަށް އޮތް ކަމަށާއި، ޕީއެންސީގެ އެންމެ މެންބަރެއްގެ ވޯޓެއް ވެސް އެމްޑީޕީއަށް ފައިދާވާނެ ފަދައިން ނުލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder