ބަނގުރަލާއި ޑްރަގް ވިއްކުމުގައި އުޅުނު ބިދޭސީއެއް ޑީޕޯޓްކުރަން ހަވާލުކޮށްފި
19 ޖެނުއަރީ 2025 - 11:35
ބަނގުރަލާއި ޑްރަގް ވިއްކުމުގައި އުޅުނު ބިދޭސީއެއް ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ބިދޭސީއެއް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މި އޮޕަރޭޝަނުގައި އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް (1.05 ގްރާމް) ފެނިފައިވާއިރު، އޭގެ އިތުރުން 92 ފުޅި ބަަނގުރާ ވެސް ވަނީ ފެނިފައިވެއެވެ.
މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ، މުޙައްމަދު އާރިފް މިއާ (31އ) އެވެ.
އޭނާ އަތުލުމަށް ހިންގި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.