ކުޑަކުދިންގެ ފޮޓޯ އާއި ވަނަވަރު އާންމު ނުކުރަން އަންގައިފި
25 ޖެނުއަރީ 2025 - 13:05

ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިއަސް ކުޑަކުދިންގެ ޒާތީ މަޢުލޫމަތު ދެނެގަނެވޭނެފަދަ މަޢުލޫމާތު ތަކާއި މައްސަލަތަކާއި ގުޅުވައި ކުޑަކުދިންގެ ފޮޓޯ އަދި ވީޑިއޯ އާންމު ނުކުރަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނީ ކުޑަކުދިންގެ ކަރަމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ ކަމަށެވެ. ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ކުޑަކުދިންނާ ގުޅެ މައްސަލަތަކުގައި އެކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލު ކުރާ ތަނުގެ މައުލޫމާތު ފަދަ މައުލޫމާތުތަކާއި އެކުދިންގެ ފޮޓޯ އާއި ވީޑިއޯ ސީދާ ގޮތުންވެސް ނުސީދާ ގޮތުންވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މއުލޫމާތެއް މީޑިއާގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Ad by Hajj Corporation
އޭގެ ސަބަބުން އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމަށާ އެއީ ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢުއާއި ދަޢުލަތާ އަދި އެހެނިހެން ފަރާތްތަކުގެ ޒިންމާއެއްކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.
ކުޑަ ކުދިންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި އެ ކުދިންގެ ފޮޓޯއާއި ވީޑިއޯ އާއްމުކުރުމުގެ ބަދަލުގައި، ކަމާ ގުޅޭ އިދާރާތަކާ މުވައްސަސާތަކަށް ހުށައަޅައިގެން ކުރިއަށްގެންދިއުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.