logoEN
ރިޕޯޓް

ރިޔާސީ ބަޔާން 2025: އިސްލާމީ ވަހުދަތު ދަމަހައްޓަން ގިނަ މަސައްކަތްތަކެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

07 ފެބްރުއަރީ 2025 - 12:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި އެމަނިކުފާނު އަލިއަޅުވާލި ކަންކަމުގެ ތެރޭގައި ވަނީ ރާއްޖޭގައި އިސްލާމީ ޝިއާރު ދިރުވައި ދަމަހައްޓަން ވޭތުވި އަހަރު ކުރެއްވި މުހިންމި މަސައްކަތްތަކާއި، މިއަހަރަށް އަމާޒު ހިފާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައެވެ. އެކަންކަމުގެ ޚުލާސާއަކަށް ބަލާއިރު،

''ފާއިތުވި އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރިން. އެއީ ދިވެހީންގެ އިސްލާމީ އަޤީދާ ވަރުގަދަކުރުމަށް ޓަކާ. މާތްވެގެންވާ އިސްލާމްދީނާ މެދު، ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށް ޓަކާ. އިސްލާމީ އަޚްވަންތަކަމުން މުޖުތަމަޢުގެ ގުޅުންތައް ބަދަހިކޮށް، އިސްލާމީ އަޚްލާޤުން މުޖުތަމަޢުގެ ސުލޫކު ޒީނަތްތެރިކުރުމަށް ޓަކާ'' ރައީސް މުޢިއްޒު

ރިސާލަތު ޕްރޮގްރާމް

ފާއިތުވި އަހަރު، ދިވެހީންގެ އިސްލާމީ އަޤީދާ ވަރުގަދަކުރުމަށްޓަކައި "ރިސާލަތު" ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގާފައިވެއެވެ. މި ޕްރޮގްރާމް މިއަހަރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނަމާދު މަތިވެރިކުރުން

މީގެ އިތުރުން، "ނަމާދު މަތިވެރިކުރުން" މި ނަމުގައި މުހިންމު މަޝްރޫޢެއް ސަރުކާރުން މިދިޔަ އަހަރު ވަނީ ފަށާފައެވެ. މީގެ މަޤްޞަދަކީ ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމެވެ.

އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމް

އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އުފެއްދުމާއި ގިނަ މަސައްކަތްތަކެއް

މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އުފައްދައި، މިސްކިތްތަކުގެ ޙާލަތު ބެލެހެއްޓުމުގެ މަސައްކަތް ކުރެވެމުން އަންނަކަން ރައީސް ފާހަގަކުރަށްވާފައިވާއިރު، 2024 ވަނަ އަހަރު މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް 7,868,953 ރުފިޔާ ޚަރަދުކުރެވުނުކަން ރައީސް ވަނީ ވިދާޅުވެފައެވެ. އަދި 35 މިސްކިތް ބިނާކުރުމުގެ މަޝްރޫޢު މިއަހަރު ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުން

ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދިފައިވާކަން ރައީސް ފާހަގަކުރެއްވިއިރު، މިކަމުގެ ސަބަބުން ފަޤީރުންނަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ޤާއިމުކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޒަކާތުގެ ނިޒާމު ޒަމާނީކުރުމަށް އުޞޫލުތަކާއި ޤަވާޢިދުތައް އެކުލަވާލައި ފާސްކުރެވިފައިވާއިރު، "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މި މަސައްކަތްތަކުގެ ސަބަބުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް ބޮޑު ހެޔޮ ބަދަލެއް އައިސް، ''އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ'' އެވެ.

ފެނިގެން ދިޔައީ އިސްލާމްދީން މަތިވެރިކުރުމަށް ސަރުކާރުންދެއްވާ އަހަމިއްޔަތު

މި ރިޔާސީ ބަޔާނުން އެނގިގެންދަނީ ސަރުކާރުން އިސްލާމީ ވަހުދަތު ދަމަހައްޓައި، އިސްލާމްދީނުގެ އްދީނުގެ އަސްލުތައް ވަރުގަދަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމެވެ. މީގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަމާދު މަތިވެރިކުރުމާއި، މިސްކިތްތައް އިމާރާތްކޮށް ބެލެހެއްޓުމާއި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުން ފަދަ މުހިންމު ދާއިރާތަކަށް އިސްކަންދީފައިވާކަން ފާހަގަކުރެވެއެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ އިސްލާމީ އަޤީދާ ވަރުގަދަވެ، އިސްލާމީ އަޚްލާޤާއި އާދަކާދަތައް ދިރުވައި، އިޖުތިމާޢީ ހަމަޖެހުން އިތުރުވެގެންދާނެއެވެ.

ރައީސް މުޢިއްޒުގެ މި ބަޔާނުން ސާފުވެގެންދަނީ ސަރުކާރުން އިސްލާމްދީނަށް ދެއްވާ އިސްކަމާއި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޤައުމު ބިނާކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މުހިންމުކަމެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެ އިސްލާމީ އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިތާ، އިޖުތިމާޢީ ގޮތުން ހަމަޖެހި، އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމަކަށް ވެގެންދާނެކަމުގެ އުންމީދު ބޮޑުވެގެންދާކަމެވެ.

ކޮމެންޓް

871x217_placeholder