މޯލްޑިވިއަންއިން ޑޭޝް މަރުކާގެ ބޯޓެއް ވިއްކާލައި، އެއާބަސްގެ ބޮޑު ބޯޓެއް ގެންނަނީ
.jpg&w=96&q=75)
8 ފެބްރުއަރީ 2025 - 07:52

މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރަމުން އަންނަ ޑޭޝް-8 (ޑީއެޗްސީ-8) ގެ މަތިންދާބޯޓެއް ވިއްކާލަން ނިންމައި، އެއާބަސް އޭ330-200 މަރުކާގެ ބޯޓެއް ހޯދަން އިއުލާންކޮށްފިއެވެ.
އިއްޔެ މޯލްޑިވިއަނުން ވަކިވަކިން ކުރި އިއުލާނުތަކުގައި ޑޭޝް މަރުކާގެ ބޯޓު ގަތުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެ ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީ މިމަހުގެ 28 ވާ ހުކުރު ދުވަހުގެ ކުރިންނެވެ.
އެ ބޯޓު ވިއްކަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި ވިއްކާލަން އިއުލާނުކުރާއިރު، ޑިޕޮސިޓެއްގެ ގޮތުގައި އެއްލައްކަ ޑޮލަރު ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން، ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓް ޑިޕޮސިޓެއްގެ ގޮތުގައި ތިން ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.
އަދި އެ ބޯޓު، ފަސް އަހަރުގެ މުއްދަތަކަށް ފޯރުކޮށްދޭން ޖެހެއެވެ. އެ އިއުލާނުގައި ވާ ގޮތުގައި، މި އަހަރުގެ ތިން ވަނަ ވަނަ ކުއާޓަރަށް މި ފްލައިޓް ފޯރުކޮށްދޭން ޖެހޭއިރު، މި ފްލައިޓްގައި އިކޮނޮމީ އަދި ބިޒްނަސް ކްލާސްގެ ސީޓު ހުންނަން ޖެހޭއިރު ބިޒްނަސް ކްލާސްގައި މަދުވެގެން 20 ސީޓު ހުންނަން ޖެހެ އެވެ.
މޯލްޑިވިއަނުން މި ފަހުން ވެސް ވަނީ އެއާ ބަސް އޭ 330-200 މަރުކާގެ ބޯޓެއް ގެނެސްފައެވެ. އެ ބޯޓަކީ މޯލްޑިވިއަންގެ ތާރީޚުގައި ވެސް ގެނައި ވައިޑް ބޮޑީ ފުރަތަމަ ބޯޓެވެ.
މި ބޯޓުތައް ގެންނަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުންނެވެ.