އައު ޤާނޫނުލް އުޤޫބާތާއެކު ނިޒާމީ ކުރިއެރުންތަކެއް ވަނީ ހޯދިފަ - އުއްތަމަ ފަނޑިޔާރު
10 ފެބްރުއަރީ 2025 - 17:00

ޢަދުލުއިންޞާފު ގާއިމްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ޒަމާނީ ބަދަލުތަކަކާއި ވަށާޖެހޭ ހައްލުތަކެއް ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ކުރުނބާ ރިސޯޓުގައި އަންލޮކިން ޖަސްޓިސް ނަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހާކަފުޅުގައި ޤާނޫލް އުޤޫބާތެއް 1968 ވަނަ އަހަރު ތަޢާރަފްވި ހިސާބުން ފެށިގެން އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޢަދުލުއިންޞާފު ގާއިމްކުރުމުގެ ނިޒާމަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އައު ޖިނާޢީ އިޖުރާތުގެ ޤާނޫނަކާއި ހެއްކާބެހޭ ޤާނޫނާއެކު ގިނަ ކަންކަން ފަސޭހަވެގެން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation
މިއާއެކު ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ގެންނަން ޖެހެނީ ވަށާޖެހޭ ހައްލުތަކެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނިޒާމުގެ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަކީ އެންމެންނަށްވެސް ހަމާކަން ބޮޑުގޮތެއްގައި އިންސާފު ލިބޭކަން ކަށަވަރުކުރެވޭ ފަދަ މަސައްކަތަކަށްވާންޖެހޭކަމަށެވެ. އަދި މިހާރު މުޅި ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މީގެ ސަބަބުން އިންސާފު ލިބުން އަވަސްވެގެންދާނެކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ބަންޑާރަ ނައިބުގެ އޮފީހާއި ބްރިޓިޝް ހައިކޮމިޝަނާއި ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު ވިދާޅުވީ ޒަމާނުއްސުރެ، ދިވެހިންނަނީ އޯގާތެރިބައެއް ކަމަށާއި ނަމަވެސް މިފަހަކަށް އައިސް މުޖްތަމަޢުގެ ތެރޭގައި ކުށްކުރާ މިންވަރު މިހާރު އިތުރުވެފައިވާކަމަށެވެ.
އަދި މީގެކުރިން މަރުގެ މައްސަލަތައް ފަދަ ޖިނާޢި ބޮޑެތި ކުށްތަކަކީ ގިނަބައެއްގެ ކަންބޮޑުވުން އޮތް މައްސަލަތައް ނަމަވެސް، އެކަމަށް އާންމުން މިހާރު ދޭ ސަމާލުކަން ކުޑަވަމުންދާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާޢީ އަދުލުގެ ނިޒާމަށް މިފަސް އަހަރު ބެލިނަމަވެސް، ކޮންމެ އަހަރެއްގެ މައްޗަށް އައު 2000 މައްސަލަ ފަނޑިޔާރުން އަތް މައްޗަށް ލިބޭކަމަށެވެ. އަދި މައްސަލަތައް ގިނަވަމުންދާއިރު، ދަތިތަކަށް ހައްލު ނުލިބި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.