އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކް އާއިއެކު ސްޓެލްކޯއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރު ފަހުމުނާމާގައި ސޮއިކުރެއްވުން -- ފޮޓޯ : ސްޓެލްކޯ

11 ފެބްރުއަރީ 2025 - 11:16
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއިއެކު ސްޓެލްކޯއިން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ސްޓެލްކޯގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރު އެވެ.
މިއަދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވެވުނު ދާއިރާތަކުގެ ތެރޭގައި ބޭސިކް ފަސްޓް އެއިޑް،ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން، ސުވިމިންގް އެންޑް ރެސްކިއު އަދި ލައިފް ކޯޗިން ހިމެނެއެވެ.
މީގެ އިތުރުން ވެސް ފަޔާ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި އެއްބަސްވުމުގައި ހިމެނިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ފަހުމީ ވިދާޅުވީ، ގައުމުގައި ހިނގައި ދިޔަ ބައެއް ކަންތައްތަކުގެ ތެރޭގައި ރެސްކިއު އޮޕަރޭޝަންތަކުގައި ކުންފުނީގެ ބައެއް ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ހިންގި މިފަދަ ކޯސްތަކުން ގިނަ ފައިދާތަކެއް ލިބުނުކަމުގައި ފަހުމީ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މި ދޭތެރޭން، ޤައުމުގަ ހިނގާދިޔަ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގަ، އަޅުގަނޑުމެންގެ ބައެއް މުވައްޒަފުން އެބަހުރި ރެސްކިއު ބައެއް އޮޕަރޭޝަންތައް (ހިންގާފަ). ރައްޔިތުންގެ ތެރޭން މިސާލަކަށް މޫދަށް ވެއްޓުނު މީހަކު ނަގާފަ އެބަހުރި. އަދި އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރަންޓް ކޮށްފަ. އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާޙައުލުގަވެސް، އަދި ޤައުމަށް ޚިދުމަތްކޮށްދިނުމުގަވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގަވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް،
އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފައި ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. އެގޮތުން މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކުންފުނީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަކުރުން ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކުރެއެވެ.
އިތުރު ލިޔުންތައް

ސްޓެލްކޯގެ ހޮޓްލައިން، 1545 ތައާރަފްކޮށްފި
8 މަސް ކުރިން
80 އިންސައްތަ ކަސްޓަމަރުންނަށް މިމަހުގެ ކަރަންޓުބިލް ކުޑަވާނެ: ސްޓެލްކޯ
8 މަސް ކުރިން
ސްޓްލެކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް، ސަމާލުވާން އެދެފި
8 މަސް ކުރިން