އަލިފާނުގެ ހާދިސާ ހިނގި ދޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި
އިއްޔެ އަލިފާނުގެ ޙާދިސާ ހިނގި ހ. ދޫހިމެރިގެ: އެގެ ތަޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައި: މެންދުރު ފޮޓޯ/ މީސަމް މުބީން
10 ސެޕްޓެމްބަރު 2024 - 12:28
އިއްޔެ ދެފަހަރެއްގެ މަތިން އަލިފާން ރޯވި ހ. ދޫހުމެރިގެ ތަޅާލުމުގެ މަސައްކަތް ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ސޯސަންމަގު ގާމަގު ކެފޭ ކަންމަތީ ހުންނަ ހ.ދޫހިމެރިގޭގައި އަލިފާން ރޯވެ އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެކެވެ. އެގޮތުން އިއްޔެ މެންދުރު ފަހު 2:47 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި 50 ބިދޭސީންނާއި ހަ ދިވެހިން ހިމެނޭ ގޮތަށް 56 މީހަކު ވަނީ އިވެކުއޭޓްކޮށްފައެވެ.
އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް އެމީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ.
އެ ހާދިސާގެ ސަބަބުން 57 މީހަކު ޙާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރޮޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 37 ދިވެހިންނާއި، 20 ބިދޭސީއަކު ހިމެނެއެވެ. އެ މީހުންނަށް ރައްކާތެރިކަމާ އެކު ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.