މަރުތޭލަކުން ޖަހައި ޒަހަމްކުރުމަށް ފަހު ފިލިމީހާ އެއާޕޯޓުން ހައްޔަރުކޮށްފި


13 ފެބްރުއަރީ 2025 - 06:27
މި މަހުގެ ހަތަރުވަނަ ދުވަހު އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު ފިލަންއުޅުނު މީހާ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި، މިހާރު ހިންގާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ، އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު ވެލާނާ އެއާޕޯޓް އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުވައްމުލަކު ދިގުވާޑު، ބަނަފްސާގެ 31 އަހަރުގެ ހުސައިން އަރީޝްއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނަގައިފައި ވަނިކޮށް މެލޭޝިޔާއަށް ފުރައިގެން ދިޔުމުން، މެލޭޝިޔާ އަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓް އެއްގައި ރާއްޖެ ގެނައުމަށް ފަހުއެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.
އެ ވަގުތު އައިޖީއެމްއެޗު ކައިރީގައި ހުރި ފުލުހަކު އެތަނަށް ދިޔަ ނަމަވެސް، ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.
އަރީޝް ހައްޔަރުކުރިއިރު، ޑްރަގާއި މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ އެކި ކުށްތަކުގެ މައްސަލައިގައި މީގެ ކުރިން އޭނާ ވަނީ 28 ފަހަރު ހައްޔަރުކޮށްފައެވެ.
މި މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އިތުރު ލިޔުންތައް

ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރަށް
7 މަސް ކުރިން
ހޯރަފުށިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
6 މަސް ކުރިން
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިންގަނީ، ސަމާލުވޭ!
6 މަސް ކުރިން.webp&w=3840&q=75)