logoEN
ޚަބަރު

5 މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން، ހޯނޑެއްދޫގައި ގަސް އިންދުމަށް ވަޒީރު ބައިވެރިވެ ވަޑައިގެންފި

ވަޒީރު ޑރ. މަރްޔަމް މާރިޔާ ޙޯނޑެއްދޫގައި އޮތް ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުން

ވަޒީރު ޑރ. މަރްޔަމް މާރިޔާ ޙޯނޑެއްދޫގައި އޮތް ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުން

ރައީސުލްޖުމްހުރިއްޔާގެ ފަސް މިލިޔަންގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގދ. ހޯނޑެއްދޫގައި އެރަށު ކައުންސިލުން އިންދާ 10،000 ގަސް އިންދުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގައި ކޮޕް28ގައި ޤައުމީ ބަޔާން އިއްވަވަމުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވައުދުވެވަޑައިގެންފައެެވެ. ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މިހާތަނަށް 450،936 (ހަތަރު ލައްކަ ފަންސާސް ހާސް ނުވަސްތޭކަ ތިރީސް ހަ) ގަސް އިންދާފައިވާ ކަމަށާއި 4،219،456 (ހަތަރު މިލިއަން ދެ ލައްކަ ނަވާރަ ހާސް ހަތަރު ސަތޭކަ ފަންސާސް ހަ) ގަސް އިންދުމަށް 70 ތަނަކުން ޕްލެޖް ލިބިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މީގެ ކުރިން ބުނެފައިވެއެވެ.

ވަޒީރު ޑރ. މަރްޔަމް މާރިޔާ ޙޯނޑެއްދޫގައި އޮތް ގަސް އިންދުމުގެ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ، މިހާރު އެކަމަނާ ގދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް، އެ އަތޮޅުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެގޮތުން މި ދަތުރުފުޅުގައި ދަނޑުވެރިކަމުގެދާއިރާއިން އެއަތޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެ ވުޒާރާއާއި އަތޮޅު ކައުންސިލާއި ގުޅިގެން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ވަޒީރު ޑރ. މަރްޔަމް މާރިޔާ އެ ވުޒާރާއާއި ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅުތެރޭގެ ރަށަކަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ތޮއްޑޫ އަށެވެ. އެދަތުރުފުޅުގައި ތޮއްޑޫގެ ކައުންސިލާއި ބައެއް ދަނޑުވެރިންނާއި ބައްދަލުކޮށް ހާލަތު ބައްލަވާފައިވެއެވެ. އެކަމަނާގެ ގދ. ކުރައްވަވާ މި ދަތުރުފުޅުގައިވެސް އެ އަތޮޅުގައި އެ ވުޒާރާ އާއި ގުޅުންހުރި ކަންކަން ބައްލަވާ، އެދާއިރާތަކުން މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި މި ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި އިދާރީ ބައެއް މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

871x217_placeholder