ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލް ކުރުމަށް ޗައިނާއިން އެހީވަނީ
15 ޖުލައި 2025 - 10:28

ރާއްޖެއަށް ބޯޑަރުހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުމަށް ޗައިނާއިން އެހީތެރިކަން ދިނުމަށް ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމަކީ ރާއްޖޭގައި ރުއްތަކަށް ދިމަވެފައިވާ ކޮކަނަޓް ހިސްޕައިން ބީޓަލް ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާތީޖީ ފިޔަވަޅެއްކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނާ ސަރުކާރާއި އެ ވުޒާރާއާއި ދެމެދު އެކުލަވާލެވިފައިވާ، މި އެއްބަސްވުން މައިގަނޑުގޮތެއްގައި ބިނާކުރެވޭ އަސާސްތަކަކީ، ރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019ގައި ސޮއިކޮށްފައިވާ 'އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން' އަދި 10 ޖަނަވަރީ 2024ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވުމެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައި ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް، ރާއްޖޭއައިސް ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއެކު މުހިންމު މަޝްވަރާތަކެއްވެސް ކޮށްފައެވެ.
ރާއްޖޭގައި ގަސްތަކަށްޖެހޭ ތަފާތު ވައްތަރުގެ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް މިހާތަނަށް ރާއްޖޭގައި ޤާއިމުވެފައި ނެތުމުގެ ސަބަބުން ބަލިތައް ތަހުލީލުކޮށް އެއަށްދޭންޖެހޭ ފަރުވާ ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި ޤައުމީ ފެންވަރުގެ ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.