މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ގޯނާކުރާކަމުގެ ޝަކުވާ އަންނަނީ ލިބެމުން
23 ޖުލައި 2025 - 11:04

މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ. . މިއީ، ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ވުޒާރާއިން ބުނީ ދިވެހިރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާކަމަށެވެ. މިގޮތުން، ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
"އޮޅުކޮށް އެކުގައި ގެންގުޅޭ ޖަނަވާރަކީ، ވަކި ބާވަތެއްގެ ކާނާ ކާންދީގެން، އާދަވެގެން ޖަނަވާރު އުޅުމުގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށްގެން އަޅައިލުމާއި، ލޯބިދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމުންނަށް ލިބެމުން ދިޔަ އަޅައިލުމާއި، ލޯބިން މަޙުރޫމުވާނެއެއެވެ. މީގެނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި، ހިތްދަތިކަން އިޙުސާސްކުރަންޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި، އުޅެމުންދިޔަ އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުމެވެ. "
މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ ވަރަށް ގިނަ ފަހަރަށް އެސޮރުމެންގެ ކިބައިން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެްކަމަށާއި މިފަދަ ޙާލަތްތަކުގައި އެސޮރުމެންނަށް ހާނީއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނޭ ކަމެއްނޫންކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
ޖަނަވާރަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލުކުރުމަށް އިސްލާމްދީންވެސް ބާރުއަޅައެވެ. މިގޮތުން އިސްލާމްދީނުގައިވަނީ ޖަނަވާރަށް ޙައްޤުތަކެއް ކަށަވަރުކޮށްދީފައެވެ. އޯގާތެރިވުމުގެ ޙައްޤާއި، ރަޙުމުކުރުމުގެ ޙައްޤާއި، ދިރިއޮތުމުގެ ޙައްޤު ހިމެނެއެވެ. މިޙައްޤުތަކަކީ އިންސާނުންނަށްވެސް ލިބިދީފައި ޙައްޤުތަކެކެވެ.
ވުމާއެކު މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށްޓަކައި މިނިސްޓްރީން ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު މިގެންދަނީ ކުރަމުންކަމަށްވެސް ވުޒާރާއިން މައުލޫމާތުދެއެވެ.