މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ސްރީލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި
21 ފެބްރުއަރީ 2025 - 05:41

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނުރާ ކުމާަ ދިސާނަޔަކާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ ސްރީލަންކާގެ ރައީސްގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. ޚަލީލް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައިގަނޑު ކަންތައްތަކަށް އަލިއަޅުވާލައްވައި، އިތުރަށް އެއްބާރުލުން ބަދަހިކުރުމަށް އައު ދާއިރާތަކެއް ހޯދުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ޑރ. ޚަލީލް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ސްރީލަންކާގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޑރ. ޚަލީލް ލަންކާއަށް ވަޑައިގަތީ އެ ގައުމުގެ ޚާރިޖީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރު ވިޖިތަ ހެރާތު ދެއްވި ދަޢުވަތަކަށެވެ.

Ad by Hajj Corporation
ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ޑރ. ޚަލީލް، ސްރީލަންކާގެ އަމިއްލަ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ވަނި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާފައެވެ. މިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ވާހަކަ ދައްކާލަން ފުުރުސަތެއް ލިބުމުން އުފާކުރާ ކަމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަަމށް ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަން އިތުރަށް ވަރުގަދަކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.


