ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ


23 ފެބްރުއަރީ 2025 - 07:18
ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
އެޗްއާރުސީއެމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ގާތްތިމާގެ މީހުންގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ހިއްސާ ކޮށްފައިވާތީ އެކަމާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުންއަންނަ ކަމަށެވެ.
މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދުމަށްފަހު މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.
ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަންހޯދަންވެސް ފުލުހުން ކުރިން ނިންމިއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކަށް މިހާތަނަށް އައިއިރު އަދި ތުހުމަތެއް ނުކުރެ އެވެ. އެހެން ނަމަވެސް، ޒަކިއްޔާގެ މަރުވީ އަމިއްލައަށް ނޫން ކަމަށް އެރަށުގެ މީހުން ބުނަމުން ދެ އެވެ. ފުލުހުން ބުނެފައި ވަނީ އެކަމުގައި މީހެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ގުދަން ތެރޭގައި ވެސް، ޒަކިއްޔާއަށް ޙަމަލާ ދިން ކަމުގެ ނިޝާނެއް ވެސް ފެނިފައިނުވާ ކަމަށާއި، ޒަކިއްޔާގެ ކަރުން ވެސް އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ސިއްޚީ މަރުކަޒުން ބެލި ޑޮކްޓަރާ ހަވާލާދީ ވެސް ފުލުހުން ބުނި ގޮތުގައި، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު އެ އަނިޔާތަކުގެ ސަބަބުންނެވެ.
އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ފުލުހުންގެ ތަޙުޤީޤު ނިމިފައެއް ނުވެއެވެ.
އިތުރު ލިޔުންތައް

ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް ހުރި ނުރައްކާތައް ހައްލުކުރުމަށް ފޯރަމެއް ބާއްވައިފި
8 މަސް ކުރިން
ނޮޅިވަރަންފަރުގެ ފްލެޓް ލިސްޓު ބާތިލުކުރަން އެޗްއާރްސީއެމް އިން އަންގައިފި
7 މަސް ކުރިން
ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި
7 މަސް ކުރިން