logoEN
ޚަބަރު

ނައިބު ރައީސް: އިހްސާންގެ އިތުބާރުނެތް ކަމަށް ދައްކަން އުޅެނީ ރައީސްގެ ތަސައްވުރަށް ހުރަސްއަޅަން

މުހައްމަދު މޫސާމުހައްމަދު މޫސާ

25 ފެބްރުއަރީ 2025 - 14:24

ދާޚިލީ ސީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ދާޚިލީ ވަޒީރު އިހްސާންގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސް މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ދަށުން ބިދޭސީންގެ މައްސަލަ، މަސްތުވާތަކެތީގެ މައްސަލަ އަދި އެހެނިހެން ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. "މިދެންނެވި މަސައްކަތްތަށް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވެފައިވަނީ "މަދު ސިޔާސީ ބަޔަކު އިސްވެތިބެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް" ކަމަށެވެ. އަދި ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ޤާނޫނާ ޚިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ ފެއިލްވެފައެވެ. މި ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަނި ކަމަށްވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރުން ވަނީ އިހްސާނާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ.

ކޮމެންޓް

871x217_placeholder