logo
Bank of Maldives

Bank of Maldives

ޚަބަރު

ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ ދިވެހި މާޒީ އާއި މުސްތަޤުބަލު: ރައީސް

އާމިނަތު ޝަފާ
28 ފެބްރުއަރީ 2025 - 05:45
ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ ދިވެހި މާޒީ އާއި މުސްތަޤުބަލު: ރައީސް

ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއްކަން ފާހަގަކުރެއްވިއެވެ.  

Ad by Hajj Corporation

Ad by Hajj Corporation

ފާލަން ފަރުމާކުރުމުގައި ދިވެހި ޘަޤާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ފާލަން ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ރިޢާޔަތްކޮށްގެންނެވެ. ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި އަލްއަމީރު މުޙައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ފަރުމާގައި ހިމަނާފައިވެއެވެ.   

ރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، ޢިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ މި ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދުކަން ފާހަގަކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅުވެސް ހިއްސާކުރައްވާފައެވެ.  

އެގޮތުން، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރައްވާނޭކަމުގެ ޚަބަރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ސަލްޓަން ޕާކު ތަރައްޤީކުރައްވާނީ، ބަވަނަވަމުންދާ ދުނިޔޭގެ ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން އަދުގެ ޖީލަށް ޝަޢުޤުވެރިކުރަނިވި ގޮތެއްގައި ރާއްޖޭގެ ތާރީޚު ދަސްވާނޭ ގޮތަކަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.  

މީގެ އިތުރުން އެމް.ޓީ.ސީ.ސީ ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭގެ ޢިމާރާތާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް، މި ރަމަޟާން މަސް ނިމެންވާއިރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ފަށާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމަގު ތަރައްޤީކުރެވިގެންދާނީ، މަގުގައި ދެ ލޭން ހިމެނޭ ގޮތަށް، ޝީޓްޕައިލްކޮށް، މޫދުން ބައެއް ނަގައި، މަގު ފުޅާކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަހަރު ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޢިއްޒުއްދީން ފާލަން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން، ފާލަމުގެ މައި ސްޓްރަކްޗަރ ނުވަތަ ސުޕަރ ސްޓްރަކްޗަރ އަށް ގެއްލުންވެ، ފާލަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެތީ، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތިޔާރު ނެތް، އާންމުންނަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ބިރުދެއްކުން ބަލައިނުގަނަވޭނެ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންމި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފަށާނަން: ރައީސްޚަބަރު | 20 ގަޑިއިރު ކުރިންރައީސް ޞާލިހުގެ ޤަރާރު އުވައިލައްވައި ހަންކެޑެ ވުޒާރާގެ ދަށަށްޚަބަރު | 21 ގަޑިއިރު ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފި ޚަބަރު | ދުވަހެއް ކުރިން