logoEN
ޚަބަރު

ޤާނޫނު ނަގަހައްޓަން ރައީސް މުޢިއްޒު ދައްކަވަނީ ނަމޫނާއެއް: ޕީއެންސީ

މުހައްމަދު މޫސާމުހައްމަދު މޫސާ

05 މާރިޗު 2025 - 18:42

ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި، ޝަރުޢީ ނިޒާމް ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމުގައި ރައީސް މުޙައްމަދު މުޢިއްޒު ދައްކަވަމުން ގެންދަވަނީ ނަމޫނާއެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ޤާއިމުވެފައިވާ ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެފައިވާ، އެއްބާރު އަނެއްބާރު ޖަވާބުދާރީ ކުރުވައި، ބާރުތަކުގެ މައްޗަށް ފާރަވެރިވާނެ މުސްތަޤިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށެވެ. އަދި ތިން ބާރުގެ ތެރެއިން ޝަރުޢީ ބާރަކީ ސިޔާސީ ކަންކަމާ ދުރުން، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އަދުލުއިންސާފު ޤާއިމުކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ބާރުކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނަވާއިރުވެސް އަދި މަޤާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ މުޅި ޝަރުޢީ ނިޒާމުގެ އިތުބާރު ގެއްލި، އެ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ އިސްތިޢުފާއާ ގުޅޭގޮތުން ޕީއެންސީން ފާހަގަކޮށްފައިވަނީ، އިސްތިޢުފާ ދެއްވުމުގައި އަމަލުކުރެއްވި ގޮތުން އެ މަޤާމުގައި ހުންނަވައިގެންވެސް ގެންގުޅުއްވީ އެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެފައިވާ ކަމަށެވެ. އަދި ޤާނޫނުގައި އިސްތިޢުފާގެ ސިޓީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަން އޮންނައިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއްނެތް ތުހުމަތުތަކެއް އެޅުވުމަށް ކުރެއްވި ކަމެއް ކަމަށް ޕީއެންސީން ދެކޭކަމަށް ބުނެފައިވެއެވެ.

ޕީއެންސީން އިތުރަށް ފާހަގަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން މުއައްސަސާތަކަށް މުސްތަޤިއްލުކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ. އަދި އެފަދަ މުއައްސަސާއަކުން ޒިންމާ އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމަށާއި، އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުންދިއުން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މިކަންކަން ފާހަގަކުރުމާއެކު ޕީއެންސީން ވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓެވުމަށް ރައީސް ކުރަށްވާ މަސައްކަތްޕުޅު ފާހަގަކޮށް އެއީ ނަމޫނާއެއްކަން ބަޔާކޮށް، އެކަމަށް މަރުޙަބާ ކިޔައި، ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް

871x217_placeholder