logoEN
ޚަބަރު

ބުރާސްފަތި ދުވަހު ވެސް ކަރަންޓު ބޭނުންކުރި މިންވަރު ވަނީ އިތުރުވެފައި: ސްޓެލްކޯ

ސްޓެލްކޯ މައި އޮފީސް

ސްޓެލްކޯ މައި އޮފީސް

މިދިޔަ ބުރާސްފަތި ދުވަހު ވެސް ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިރޭ ހާމަކޮށްފިއެވެ.

ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފިނިހޫނުމިން މަތިވުމުގެ އިތުރުން، ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން މާލެ އާއި ހުޅުމާލޭގައި ބުރާސްފަތި ދުވަހުވެސް ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ އިތުރުވެފައެވެ. އަދި އެންމެ ޕީކް ގަޑީގައި 97 މެގަވޮޓާއި ގާތްކުރާ އަދަދަކަށް ކަރަންޓު ބޭނުންކޮށްފައިވާ ކަމުގައި ވެސް ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

undefined

ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތަކުގައި މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. އެގޮތުން މޫސުން ރަނގަޅުވުމާއެކު ރޯދަމަހުގެ ދެވަނަ ދުވަހުން ފެށިގެން ފުރަތަމަ ފަހަރަށް މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު 92 މެގަވޮޓް ވަނީ ފަހަނައަޅާފައިވެއެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

އެހެންކަމުން ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރަށް އަރާނެކަމަށް ލަފާކުރެވޭތީ، ކަރަންޓު އިޤްތިޞާދުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ރޯދަ މަހު ކަރަންޓު ބިލުތަކުން ޑީސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއަހަރުވެސް ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯއިން ބުނެފައި ވަނީ އެންމެ މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވި އެއް އަހަރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓް

871x217_placeholder