ކަރަންޓު ކަނޑާލެވޭނީ ތިން ބިލަށްވުރެ އިތުރުވުމުންކަމަށް ބުނާ އުސޫލެއް ނެތް: ސްޓެލްކޯ
16 ޖުލައި 2025 - 13:31

ސްޓެކްލޯއިން ކަރަންޓު ދޫކުރާ ގޭބިސީތަކުން ކަރަންޓު ކަނޑާލެވޭނީ، ފައިސާ ނުދައްކާ ތިން ބިލަށްވުރެ އިތުރުވުމުންކަމަށް ބަޔާންކުރާ އެއްވެސް އުސޫލެއް ނެތްކަމަށް އެކުންފުނިން ބުނެފިއެވެ.
ކަރަންޓު ކަނޑާލުމުގެ އުސޫލު ސަރުކާރުން ބަދަލުކުރަން އުޅޭކަމަށް ބުނެ ކާކުކާން ނޭނގޭގޮތަށް ހިންގާ ހަސަން ކުރުސީ އެކައުންޓުން ދެއްކި ވާހަކަތަކަށް ރައްދު ދީ ސްޓެލްކޯއިން ބުނީ 3 ބިލަށްވުރެ ގިނަ ބިލު ނުދައްކާ ހުރުމުން ނޫނީ ކަރަންޓު ކަނޑާނުލެވޭނެކަމަށް އެއްވެސް އުސޫލެއްގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ގަވާއިދުގައިވާ ގޮތުގެ މަތިން ބިލު ދައްކަންޖެހޭ މުއްދަތު ހަމަވުމުން، ކަރަންޓު ކަނޑާލުމުގެ ނޯޓިސް ކަސްޓަމަރުންނަށް ދެވިދާނެކަމަށާއި، ނޯޓިސްގެ މުއްދަތު ހަމަވުމުން، އެންމެ ބިލެއް ނުދައްކާ އޮތް ކަމުގައިވިޔަސް، ކަރަންޓު ކަނޑާލުމުގެ ހުއްދަ ސްޓެލްކޯއަށް ލިބިގެންވާކަކަމަށެވެ.
ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނުދައްކާ ހުރި ބިލުތައް ފަސޭހަކަމާއެކު ދެއްކޭނެ ގޮތް ހަދައިދިނުމަށާއި، ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި ބިލު ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމާއި އިންސްޓޯލްމަންޓް ޕްލޭންތައް ހިމެނޭފަދަ ފަސޭހަ ޕޭމަންޓް އޮޕްޝަންތައް ސްޓެކްލޯއިން ފޯރުކޮށްދެމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.