logoEN
ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށްނިންމައި ސްމާޓް އެޕްލިކޭޝަން ތައާރަފްކުރުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

09 ޖުލައި 2025 - 07:09

ސްޓެލްކޯއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް ނިންމާ، ކަސްޓަމަރުންނަށް ސްމާޓް އެޕްލިކޭޝަން ތައާރަފްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ފަށާފައިވާކަމަށް، ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަސައްކަތަކީ ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް ނިންމާފައިވާކަމަށާއި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންކަމަށެވެ.

ފަހުމީ ވިދާޅުވިގޮތުގައި މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެއެވެ. މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު މި އެޕްލިކޭޝަނުން ލިބިގެންދާނެއެވެ. އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

"މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުންކަމަށް ފާހަގަކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ވިދާޅުވީ، ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒުކަމަށެވެ. މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވާކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder