ހއ. އަތޮޅުގެ ކަރަންޓާއި ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
17 އޮކްޓޯބަރު 2026 - 13:36
.jpg&w=3840&q=75)
ހއ. އަތޮޅުގެ ކަރަންޓާއި ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
ހއ. އަތޮޅުގެ ރަށްރަށުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ކަރަންޓާއި ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ސްޓެލްކޯއިން ހަވާލުވުމަށްފަހު، އެ ރަށްރަށުގައި މިހާރު ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އެއްވެސް މެދުކެނޑުމެއްނެތި، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ހިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި ބަދަލުގެ ކުރިންވެސް ސްޓެލްކޯއިން ވަނީ ރާއްޖޭގެ ބޮޑެތި އެހެން ސަރަޙައްދުތަކެއްގެ ކަރަންޓުގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެފައެވެ. އެގޮތުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތްވެސް މީގެކުރިން ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު އުއްމީދަކީ ރަށްރަށުގެ ކަރަންޓުގެ ހާލަތު އާންމުން ގަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދިނުން ކަމަށެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ މަގްސަދުގަ އެވެ. އަދި މީގެ ސަބަބުން މުޅި ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

-01.jpg&w=3840&q=75)
