logo
MPL

MPL

ޚަބަރު

ރަސްމާލެ މަޝްރޫޢުގެ އާމްދަނީ މުޅި ޓޫރިޒަމް ދާއިރާއަށްވުރެ އިތުރުވާނެ: ފަހުމީ

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ސެޕްޓެމްބަރު 2026 - 10:44
ފަހުމީ، ފޮޓޯ: އެމްޑަބްލިޔުއެސްސީ
ފަހުމީ، ފޮޓޯ: އެމްޑަބްލިޔުއެސްސީ

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގައި މީގެ ކުރިން ޤާއިމުކުރެވިފައިނުވާ ފަދަ ބޮޑު އިޤްތިޞާދީ އަމާޒެއް އޮތް މަޝްރޫޢެއް ކަމަށާއި، ހަމައެކަނި އީގަލް ހިލްސްގެ އިންވެސްޓްމަންޓުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ، މިހާރު މުޅި ފަތުރުވެރިކަމުގެ ސެކްޓަރުން ލިބޭ ޖުމްލަ އާމްދަނީއަށްވުރެ އިތުރުވާނެ ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޙުސައިން ފަހުމީ ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ފަތުރުވެރިކަމުގެ ސެކްޓަރުގައި ހިމެނޭ 179 ރިޒޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އެކުވެގެން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވުރެ، މި މަޝްރޫޢުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ފިސްކަލް އަންދާޒާތަކުން ދައްކާ ކަމަށެވެ. ދިވެހި ސަރުކާރާއި ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އީމާރް ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލާއްބާރުގެ އީގަލް ހިލްސް ކުންފުނި ގުޅިގެން "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގެ ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ "ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލްގެ ބަދަލުގައި ތަރައްގީކުރާ އިންޓެގްރޭޓެޑް މަންޒިލެކެވެ. މީގެ ތެރޭގައި މެގާ ޔޮޓް މެރީނާއަކާއި، ފްރަންޓް ޕްރޮމެނާޑްތަކާއި، ބްރޭންޑެޑް އަދި ލަގްޒަރީ ރެސިޑެންސްތަކުގެ އިތުރުން ވިޔަފާރި، ކެއިންބުއިން، މުނިފޫހިފިލުވުން، ސިއްހީ، ތައުލީމީ އަދި ވެލްނެސް ހަބްތައް ހިމެނެއެވެ. އަދި ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން މި ތަންތަން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، އަހަރަކު އިތުރު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އާންމުންގެ ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން އީގަލް ހިލްސް އިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ސޮވަރިން ދަރަނި އިތުރުނުވާ (ނޮން-ސޮވަރިން ޑެބްޓް) މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް ފައިސާ ހަމަޖައްސަނީ ޑިވެލޮޕަރުގެ އީކުއިޓީއާއި، އަމިއްލަ ފަރާތްތަކުގެ ކޯ-އިންވެސްޓްމަންޓާއި، ދަރަނި ފައިނޭންސިންގެ އިތުރުން ޕްރޮޕަޓީތަކުގެ ޕްރީ-ސޭލްސް މެދުވެރިކޮށެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އިތުރު ފަޅުތައް ނުހިއްކައި، މިހާރު ހިއްކާފައިވާ ބިން ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އަދި މޫސުމީ ބަދަލުތަކަށް ގޮންޖަހާލެވޭފަދަ ވަސީލަތްތަކާއެކު، ކަނޑުގެ މާހައުލު މޮނިޓަރކުރުމާއި، މުރަކަ އާލާކުރާ ނާސަރީތަކުގެ އިތުރުން "ކާރު-ފްރީ" ނުވަތަ އުޅަނދުފަހަރު ނުދުއްވޭ ސަރަހައްދުތައް އެ އަވަށުގައި ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް މާލޭގެ ފެނުގެ ނިޒާމު ތަރައްގީ ކުރަނީޚަބަރު | ގަޑިއިރެއް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 8 ދުވަސް ކުރިންރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީޚަބަރު | 8 ދުވަސް ކުރިންރަސްމާލެ ހިއްކުމުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިއްޖެ، މުޅި މަޝްރޫޢަށް ހިނގާނީ 330 މިލިއަން ޑޮލަރު: ވަޒީރުޚަބަރު | 10 ދުވަސް ކުރިން