ރަސްމާލެ ހިއްކުމުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިއްޖެ، މުޅި މަޝްރޫޢަށް ހިނގާނީ 330 މިލިއަން ޑޮލަރު: ވަޒީރު
9 ނޮވެމްބަރު 2026 - 19:12

ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫޢަށް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑުތަނުން ޚަރަދު ކުޑަކުރެވި، މުޅި މަޝްރޫޢު ނިންމުމަށް މިހާރު ހޭދަވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 11 ވަނަ ޕްރޮގްރާމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ޑރ. މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިއިރު މުޅި މަޝްރޫޢަށް ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. އެ ހިސާބުތައް އޭރު ބައްޓަންކުރެވުނީ އެ ދުވަސްވަރު ސަރުކާރުން ހިންގަމުންދިޔަ މަޝްރޫޢުތަކަށާއި، އޭރުގެ މާކެޓް ރޭޓުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ހިމަނައިގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، ވީހާވެސް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށާއި، އެ ހިސާބަށް ދާއިރު މަޝްރޫޢަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މާނައަކީ މުޅި ރަސްމާލޭގެ 1109 ހެކްޓަރު ހިއްކުމަށްޓަކައި ދަޢުލަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 330 މިލިޔަން ޑޮލަރޭ. އެހެންމަ 500 ހެކްޓަރަށް ބަލާފިކަމުގައިވާނަމަ އެއީ 160 މިލިޔަން ޑޮލަރުވަރު. އެހެންމަ ހަގީގަތުގައި އޭރު އަޅުގަނޑުމެން އަަންދާޒާކުރި އަދަދަކީ ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅު ފަދަ މަޝްރޫއަށް ބަލައި އަންދަޒާކޮށްފަ ހުރި އަދަދުތަކެއް. އެހެންނަމަވެސް ސަރުކާރުން އެންމެ ޚަރަދުކުޑަގޮތެއްގައި މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރި މަސައްކަތުން 330 މިލިޔަން ޑޮލަރު ޚަރަދުވާނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ސިޔާސީ އެކިއެކި ބޭނުމުގައި އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މި މަޝްރޫޢާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ރައްދު ދެއްވިއެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް މިހާތަނަށް 700 އާއި 1000 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
