ރަސްމާލެ މަޝްރޫއާ ގުޅުވައި ފަތުރާ ދޮގުތަކަށް ރިއަލް އެސްޓޭޓް ބިލުން ސާފު ޖަވާބެއް
9 ނޮވެމްބަރު 2026 - 16:26

ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވާ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށިގެން ދިޔައީ ވަރަށް މުނާސަބު ވަގުތެއްގައެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފައިވާއިރު، މި ބިލުގެ މަސައްކަތް ހިނގައިގަތް ވަގުތާއި ދިމާވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންވެސްޓަރު މުހައްމަދު އަލާއްބާރު ގުޅިގެން "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި މުޅި ދިވެހިރާއްޖޭގެ އިގްތިސޯދު ދުޅަހެޔޮކަމަށް ފުރޮޅައިލާނެ ބޮޑު މަޝްރޫއެއް ރަސްމާލޭގައި ހިންގުމުގެ އިޖުރާއަތްތައް ހިނގަމުންދާ ވަގުތާއެވެ.
އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލާއްބާރު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް ކިތަންމެ ލާބައެއް ލިބެން އޮތްނަމަވެސް، މިއަދު ގައުމުގައި އޮތް ޒިންމާދާރުކަމެއް ނެތް އިދިކޮޅުން އަންނަނީ އެ މަޝްރޫޢުއާއި ގުޅުވައި ދިވެހީންގެ ހިތްތައް ކިލަނބުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި އެބައި މީހުންނަށް ނުވިކަމެއް ވިޔަނުދިނުމަށް ފާޑުފާޑުގެ ކެމްޕޭންތައް ހިންގައި ސިޔާސީ މަގުސަދު ހާސިލްކުރުމަށް މަސައްކަތްކުރަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ދިވެހިރާއްޖޭގެ ތަރައްޤީގެ އައު ބާބެއް ފެށި، އިޤްތިޞާދީ ބޮޑެތި ބަދަލުތަކަކަށް މަގުފަހިކުރާ މަޝްރޫޢުތައް އިއުލާނުވުމާއެކު، ސިޔާސީ މަންފާއަށްޓަކައި ޙަޤީޤަތް އޮޅުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ފިތުނައިގެ ވާހަކަތައް ފަތުރަމުން އަންނައިރު، ވެރިކަންކުރާ މާލެއާ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫޢާއި އެތަނުގައި ހިންގުމަށް ކަނޑައެޅިފައިވާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ގުޅުވައިގެން ދައްކަމުންދަނީ މިފަދަ ކަނޑައެޅިގެން ބާތިލު ވާހަކަތަކެކެވެ. އެގޮތުން އެ ސަރަޙައްދުގައި ރާއްޖޭގެ ޤާނޫނު ނުހިނގާނެ ކަމަށާއި، އިސްލާމީ އަގުތަކާ ޚިލާފު އެތައް ކަމަކަށް ޖާގަ ލިބިގެންދާނެ ކަމަށް ބުނެ ފެތުރި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ އަވާމެންދުރެއްކަން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުން މިވަނީ ސާފުވެ ހާމަވެފައެވެ.
ދުސްތޫރީ އިމާއި ޤާނޫނުއަސާސީގެ ބާރު
ރާއްޖޭގައި އެކުލަވައިލެވޭ ކޮންމެ ޤާނޫނަކާއި އެކަށައެޅޭ ކޮންމެ ސިޔާސަތެއްގެ މައިގަނޑު ބިންގަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއެވެ. ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދަންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށެވެ. އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ދަށުން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި ނުހެދޭނެކަން ވަނީ ދުސްތޫރީ ގޮތުން ލާޒިމުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ދުސްތޫރީ އޮނިގަނޑުން ބޭރުން އެއްވެސް ކަމެއް ހިނގުމަށް ފުރުޞަތު ނުދެއްވާނެ ސަރުކާރެއްކަން އަމަލާއި ބަހުން ސާބިތުކޮށްދެއްވަމުން ގެންދަވާ ވެރިކަމެކެވެ. އެހެންކަމުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ޤާނޫނަކަށް ވެގެން އަންނަނީ މި ދެންނެވި ވަރުގަދަ ދުސްތޫރީ އަސާސްތަކުގެ މައްޗަށެވެ.
ސިޔާދަތާއި ދައުލަތުގެ ބާރުވެރިކަން ކަށަވަރުކުރުން
ރަސްމާލެ މަޝްރޫޢުގައި ރާއްޖޭގެ ޤާނޫނު ނުހިނގާ ވަކި ސަރަހައްދެއް ނުވަތަ ވަކި އުސޫލުތަކެއް ޤާއިމުކުރަން އުޅޭކަމަށް ދެއްކި ވާހަކަތަކުގެ ބާތިލުކަން، ބިލުގެ 98 ވަނަ މާއްދާއިން ސާފުކޮށްދެއެވެ. އެ މާއްދާގެ (ހ) ގައި ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައިވަނީ އިންވެސްޓްމަންޓަށް ދޫކުރެވޭ އެއްވެސް ޒޯނެއްގައި ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން، އެ މާއްދާގެ (ށ) ގެ ދަށުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށާއި ސިޔާދަތަށް ނިކަމެތިކަމެއް ނުވަތަ އުނިކަމެއް އަންނާނެ އެއްވެސް އަމަލެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. ހަމައެހެންމެ، އެ މާއްދާގެ (ނ) ގައިވާ ގޮތުން، ދައުލަތުގެ ދުސްތޫރީ ނިޒާމު އަދާކުރުމަށް ހުރަސްއެޅޭނެ އެއްވެސް ފުރުޞަތެއް މާސްޓަރ ޑިވެލޮޕަރަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. މި މާއްދާތަކުން ސާބިތުވަނީ އެ ބިމަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރާއި އިޚްތިޞާޞް ހިނގާނެ ބިމެއް ކަމެވެ.
އިސްލާމީ އުސޫލުތަކާއި ދީނީ ޙިމާޔަތް
އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ރައްޔިތުންނަށް އޮޅުވާލައި ފިތުނަ އުފެއްދުމަށް ދެއްކި އަނެއް ވާހަކައަކީ ރަސްމާލޭގައި އިސްލާމީ ޝަރީޢަތާ ޚިލާފު ވިޔަފާރިތަކާއި ޖުވާކުޅުމާއި އެހެނިހެން ހަރާމް ކަންކަމަށް ފުރުޞަތު ދޭނެ ކަމަށް ބުނެ ދެއްކި ވާހަކައެވެ. ނަމަވެސް ބިލުގެ 98 ވަނަ މާއްދާގެ (ރ) ގައި ވަނީ އެފަދަ ހުރިހާ ދޮގުތަކަކަށް ތަޅުއަޅުވާފައެވެ. އެ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމުގެ ތެރެއިން ޖުވާކުޅުން ފަދަ އެއްވެސް ކަމަކަށް މަގުފަހިވާ ވިޔަފާރިއެއް ހިންގުމާއި، އެފަދަ ޚިދުމަތެއް ދިނުމަކީ މުޠްލަޤަށް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، އެ މާއްދާގެ (ބ) އިން ވަނީ އިންވެސްޓްމަންޓް ޒޯނުތަކުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ ޝިޢާރުތައް ފާޅުކުރުމާއި، އެހެން ދީންތަކުގެ އިޙްތިފާލުތައް ބޭއްވުމާއި، އަދި އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ބިނާކުރުން އެއްކޮށް މަނާކޮށްފައެވެ. މިއިން ކޮންމެ މާއްދާއަކީވެސް ރާއްޖޭގެ އިސްލާމީ ވަޙްދަތާއި ދީނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް ބިލުގައި ހިމަނާފައިވާ ވަރުގަދަ ޤާނޫނީ ރައްކާތެރިކަމެވެ.
ސިޔާސީ ދޮގުތަކުގެ ޙަޤީޤަތް ހާމަވުން
ޤާނޫނީ ލިޔުންތަކާއި މަޖިލީހުގެ މޭޒުމައްޗަށް އަންނަ ބިލުތަކަކީ އެއްވެސް ފޮރުވުމެއް ނެތި ފެންނަން ހުންނަ ސާފު ލިޔެކިޔުންތަކެވެ. ރަސްމާލެ މަޝްރޫޢުގެ ބިޔަ ތަރައްޤީ ފެނި، ސިޔާސީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކުން ފެތުރި ވާހަކަތަކުގެ ބޭނުމަކީ ޤައުމީ ތަރައްޤީއަށް ހުރަސްއެޅުމެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީގެ އިމުގެ ތެރެއިން އެކުލަވައިލެވި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްލާމީ މިންގަނޑުތައް ރައްކާތެރިކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިލުގެ ސަބަބުން، އިދިކޮޅުގެ ދޮގު ވާހަކަތަކުގެ އަސްލު މިވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަރަށް ފުރިހަމައަށް ހާމަވެފައެވެ.
ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލާކޮށް، ގެދޮރުވެރިކަމާއި ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަރުމާކުރެވިފައިވާ ބިޔަ މަޝްރޫޢެކެވެ. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުން އެކަށައަޅައިދެނީ މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގާއިރުވެސް، ދިވެހި ދައުލަތުގެ ސިޔާދަތާއި، ޤާނޫނުގެ ބާރާއި، އަދި ދިވެހީންގެ މާތްވެގެންވާ އިސްލާމްދީނުގެ ޙިމާޔަތް ކަށަވަރުވެގެންދާނެ ހަރުދަނާ ޤާނޫނީ ނިޒާމެކެވެ. ސިޔާސީ ދޮގުތަކާއި އޮޅުވާލުންތަކަށް ޖާގައެއް ނެތްކަން މި ބިލުގެ މާއްދާތަކުން މިވަނީ ދައްކުވައިދީފައެވެ.

-01.jpg&w=3840&q=75)
