ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި: ސަލަފް ޖަމިއްޔާ
29 އޮކްޓޯބަރު 2026 - 18:41

ރަސްމާލެ މަޝްުރޫއާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފުން ހުށަހެޅި ކަންކަމަށް ރިއާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ރަސްމާލޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އެ ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބައްދަލުކުރެއްވުމުގައި ޖަމިއްޔަތުއްސަލަފުން ވަނީ ބޭރުގެ ފަރާތްތަކުން ހިންގާ މަޝްރޫއުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިއާޔަތް ކުރުމަށް ސަރުކާރަށް އިލްތިމާސްކުރައްވާފަ އެވެ.
ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކުރެއްވި ކަންކަން:
އިސްލާމީ ޝަޚްސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުން
ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތްކުރުން
އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުން
ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ގާއިމުކުރުން
ހުޅުވާލެވިފައިވާ އިގްތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުން
ދާއިމީ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުން
އިޖުތިމާއީ އަސަރުތައް ވަޒަންކުރުން
ޖަމިއްޔަތުއްސަލަފުން ބުނީ އެ ޖަމިއްޔާއިން ހުށަހެޅި ކަންކަން އަޑު އައްސަވައި، އެ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމުގެ ޔަޤީކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިކަމައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏަކާއި ހަވާލުކޮށްގެން ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއެއް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާންކޮށްފަ އެވެ. މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ބައެއް ފަރާތްތަކުން ދައްކާއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތާށް އެއްވެސް ނުރައްކަލެއް ނޯންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފަ އެވެ.

-01.jpg&w=3840&q=75)
