ރަސްމާލެއަކީ އެތައް މައްސަލައެއްގެ ހައްލު, ދިވެހިންގެ މުސްތަގުބަލް
31 އޮކްޓޯބަރު 2026 - 15:29
.jpg&w=1920&q=75)
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ ބިމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ރަސްމާލެ" ނުވަތަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ސްމާޓް އަދި އިކޯ ސިޓީއަކީ ހަމައެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނޫނެވެ.
މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދީ ލޭނާރު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ބިޔަ މަޝްރޫއެކެވެ. އެހެންކަމުން މި މަޝްރޫޢުގެ ސަބަބުން ދިވެހި ދައުލަތާއި ޤައުމީ އިޤްތިޞާދަށް ލިބިގެންދާނެ މުހިންމު ފައިދާތައް އެނގުން މުހިއްމެވެ.
.png&w=750&q=75)
Ad by Hajj Corporation
މާލެއަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު، 1,150 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއަކީ ދިވެހި ދައުލަތަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އިންގިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ މަޝްރޫއެކެވެ.
މި މަޝްރޫއުން ދައުލަތަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ޒަމާނުއްސުރެ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބުމެވެ. ރަސްމާލޭގައި ތަރައްގީކުރާ އެތައް ހާސް ހައުސިން ޔުނިޓުތަކާއެކު، ގެދޮރުވެރިކަމަށް ދައުލަތުގެ ބަޖެޓުން އަހަރަކަށްފަހު އަހަރެއް ކުރަންޖެހޭ ކުއްލި ހަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން މުޖުތަމަޢުގައި އުފެދޭ އިޖުތިމާއީ އެތައް މައްސަލަތަކަކަށް ހައްލު ލިބި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވާނެ އެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ނަޒަރިއްޔާތުން ބަލާއިރު، ރަސްމާލެ ވެގެންދާނީ ދައުލަތުގެ ޚަޒާނާއަށް އާމްދަނީ ވަންނާނެ މުހިންމު ވަސީލަތަކަށެވެ. އެ ސިޓީގައި ގާއިމުކުރެވޭ ހާއްސަ އިގްތިސާދީ ޒޯނުތަކާއި، ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރުތަކުގެ ސަބަބުން ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް (އެފްޑީއައި) ރާއްޖެއަށް ލިބޭ މިންވަރު އެތައް ގުނައަކަށް އިތުރުވާނެ އެވެ.
ބިން ކުއްޔަށް ދިނުމާއި، ކޮމާޝަލް އިމާރާތްތަކުން ލިބޭ ކުއްޔާއި ޓެކްސްގެ އާމްދަނީގެ އިތުރުން، ފަތުރުވެރިކަމާއި ޒަމާނީ ޓެކްނޮލޮޖީގެ ވިޔަފާރިތަކުން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން ފުޅާވެގެންދާނެ އެވެ މިއީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ދައުލަތުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް އެޅޭ ވަރުގަދަ ފިޔަވަޅެކެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން ދިވެހި އެތައް ހާސް ޒުވާނުންނަކަށް ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ އެވެ. އިމާރާތްކުރުމުގެ ދާއިރާއިން ފެށިގެން، އައިސީޓީ، އިޔާދަކުރަނިވި ހަކަތަ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއިން އުފެދޭ ވަޒީފާތަކުގެ ސަބަބުން، ގައުމުގެ އެތެރޭގެ ފައިސާގެ ދައުރުވުން އަވަސްވެ، ޖުމްލަ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ)އަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.
ހަމައެއާއެކު، މާލެ، ވިލިމާލެ، ގުޅީފަޅު، އަދި ތިލަފުށްޓާއެކު މި ސަރަހައްދު ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ދިއުމަކީ މުޅި ސަރަހައްދުގެ ވިޔަފާރީގެ ޚަރަދުތައް ކުޑަކޮށްދީ، މުދަލާއި ޚިދުމަތުގެ އަގު ހެޔޮކުރުމަށް ދައުލަތުން ކުރާ މަސައްކަތަށް ލިބޭ ބޮޑު ބާރެކެވެ.
ތިމާވެށްޓާއި މޫސުމީ ބަދަލުތަކުގެ ގޮތުން ބަލާއިރު، ރަސްމާލެ ފަރުމާކުރެވެނީ "ޒީރޯ ކާބަން" އިކޯ ސިޓީއެއްގެ ގޮތުގައެވެ. އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވާ މި ސިޓީގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދައާއި، ތެލުގެ ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ކުރާ ބިލިއަނުން ގުނާލެވޭ ހަރަދުތައް ކުޑަކުރެވޭނެ އެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވާނެހެން އުސްކޮށް ހިއްކާ ރަށަކަށް ވާތީ، މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަވެ، މުސްތަޤްބަލުގައި ދައުލަތުން ކުރަންޖެހޭ ކާރިސާގެ ބަދަލުތަކުގެ ޚަރަދު އެތައް ގުނައަކުން ސަލާމަތްވެސް ކުރެވޭނެ އެވެ.
ރަސްމާލެއަކީ ހަމައެކަނި ބިމެއް ހިއްކައިގެ ބޯހިޔާވަހިކަން ހައްލުކުރުމަށްވުރެ ބިޔަ މަޝްރޫއެކެވެ. އެއީ ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ ބިންގަލެކެވެ. ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްކޮށްދޭނެ މަޝްރޫއެކެވެ.

-01.jpg&w=3840&q=75)
