އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގައި ތިބުމުގެ ޖާގައެއް ނުދޭނަން: ރައީސް
29 އޮކްޓޯބަރު 2026 - 07:37

ޒަޔަނިޒަމާ އެމަނިކުފާނު ސީދާ ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގުފަހިކުރާ މަޝްރޫއެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތަކުގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އެންމެ ދުވަހަކުވެސް މަޑުނުކުރެވޭނެ ކަމަށާއި، އެކަން ކަށަވަރުކުރުމަށް އެތަނަށް އަންނަ މީހުންގެ ޤައުމު ހުރިހާ ގޮތަކުން ބަލައި ޔަގީންކުރާނެ ކަމަށެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް އިސްކުރަނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށާއި، އަރަބި އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން އަބަދުވެސް ބަދަހިކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ ރަސްމާލޭގެ ޕްރޮޕަޓީތައް ލީޒްކުރުމުގެ ޝައުގުވެރިކަން ހުރީވެސް އަރަބި އިސްލާމީ ޤައުމުތަކުގެ ފަރާތްތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް އެޅުއްވި ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް ވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅަށް، އިޒްރޭލުން މި ހިންގާ ޖެނޮސައިޑާ ދެކޮޅަށް ވާހަކަދައްކާ ވެރިއަކު މިއަދާހަމައަށްވެސް ރާއްޖޭގެ ރައީސަކަށް އައިސްފަ ނެތްކަމަށެވެ. އަދި ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ޓްރާންސިޝަން ޕީރިއަޑްގެ އެންމެ ފުރަތަމަ އެކަމުގައި އެކްސް ޕޯސްޓެއް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
'' ރާއްޖޭގެ ސިޔާސަތާ ގުޅޭގޮތުން. އަމަލީ ގޮތުން ދައްކަމުން މިއަންނަނީ. ރާއްޖެއަށް ނާދެވޭގޮތަށް އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރަން ކެރުނު އެއްވެސް މީހަކު އެބަހުރިތޯ މީގެ ކުރީގައި. މުޅިންވެސް ހިހޫތަނުން ކައިގެން އުޅުނު މީހުން ނޫންތޯ މީގެކުރިން ފެންނަންހުރީ،" ރައީސް ވިދާޅުވެފަވެއެވެ.
އިސްރާއީލު ޕާސްޕޯޓް ބޭންކުރަން ނިންމެވުމުން އެކި ފަރާތްތަކުން ގުޅައި އެކަމާ ދެކޮޅުހެދި ނަމަވެސް، އެ ފިޔަވަޅު އެޅުއްވީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށްވާތީ ކަމަށާއި، މިއަދު ފަތުރުވެރިކަން ފުޅާވަމުންދިއުމަކީ އޭގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ އަބަދުވެސް އިންސާފާއި ހަމަޖެހުމަށް ލޯބިކުރާ ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދުކުރުމާއި ޤަތުލުޢާންމާ ދެކޮޅަށް އދ. ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުއްލެވުމުގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް ފަލަސްޠީނުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
