ސިއްޙީ ނިޒާމަށް ބޮޑު ބަދަލެއް، 'މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް' އުފައްދަނީ
28 އޮކްޓޯބަރު 2026 - 18:12

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލާއެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ޚިދުމަތް ދިނުން އަވަސްވެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި އައު ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށާއި، އޭގެ ސަބަބުން ވަސީލަތްތައް ހިއްސާކުރުމާއި ޑޮކްޓަރުންގެ ފަންނީ ޚިދުމަތް އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށް އޮތް 3 މަސް ނުވަތަ އެންމެ ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި ފެށިގެންދާނެއެވެ. މިއީ މުވައްޒަފުން އިތުރުކުރަން ހިންގާ މަޝްރޫޢެއް ނޫންކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ޚަރަދުގައި ތަޢުލީމު ހާސިލުކުރާ ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ބޭރުގެ މަތީ ފަންތީގެ ޚާއްޞަ ޑޮކްޓަރުން ރާއްޖޭގައި ތިއްބަވައިގެން ޚިދުމަތް ދެވޭނެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމާއި، އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް އެމީހަކު ދިރިއުޅޭ ސަރަޙައްދަކުން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުން ކަމަށެވެ.

-01.jpg&w=3840&q=75)
