logo
MPL

MPL

ޚަބަރު

2027 ގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފެށިފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް

އައިޝަތު އިނާޝާ
28 އޮކްޓޯބަރު 2026 - 18:01
2027 ގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފެށިފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް

ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

 އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޫބަރު މަހުގެ 29 ގައި ހުށަހެޅުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައި މިވަނީ، ޕަބްލިކް ސަރވީސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.   

Ad by Hajj Corporation

Ad by Hajj Corporation

ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.  އަދުގެ ސަރުކާރުން ޙަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދެއްވީ އެކަމުން ޤައުމު ސަލާމަތްކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.  ހަމަމިއާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫޢަކީވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ރަސްމާލެ މަޝްރޫޢަށް ގެންނަ  އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެ މަސައްކަތް ކުރިއަށްގެންދަނީ ފިއުޗަރ ރެވެނިއު (މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެކަންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. 

ބޭރު ދުނިޔޭގެ މަސްރަޙުގައި ހިނގާ ކަންކަމުން އިޤްތިޞާދަށް ކުރާ އަސަރުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.  މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށްގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމާއި، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްޙީ ނިޒާމަށް ބޮޑު ބަދަލެއް، 'މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް' އުފައްދަނީޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެއާއެކު ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސްޚަބަރު | ގަޑިއިރެއް ކުރިން2027 ގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފެށިފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޗައިނާ އަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ބައިވެރިއެއް: ރައީސްޚަބަރު | 11 ގަޑިއިރު ކުރިން