ރިޒާވް ރެކޯޑް އަދަދަކަށް އިތުރުކުރެވި، ދަރަނީގެ ނުރައްކަލުން ޤައުމު ސަލާމަތްކުރެވިއްޖެ: ރައީސް
29 އޮކްޓޯބަރު 2026 - 03:56

މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރެވި، ދަރަނީގެ ނުރައްކަލުން ޤައުމު ސަލާމަތްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރު ހަވާލުވުމަށްފަހު އެންމެ ފުރަތަމަ އިސްކަންދެއްވީ ޤައުމު ޑިފޯލްޓްވުމުން ސަލާމަތްކުރުމަށް ކަމަށެވެ. އެގޮތުން އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ދައުލަތުގެ ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ބޭރު ދުނިޔޭގެ މަސްރަޙުގައި ހިނގާ ކަންކަމާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ޙާލަތު މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ އެއްވެސް މަޝްރޫޢެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވިއެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ (ފިއުޗަރ ރެވެނިއު) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އެއްވެސް ބުރައެއް ނުއުފުލޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއދު (29 އޮކްޓޫބަރުގައި) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ރައްޔިތުންނާ ޙަވާލުކުރުން ކަމަށެވެ.
އަދި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމުގައިވާ ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ މަސައްކަތްތައް ނިންމުމަށް ޚާއްޞަ އިސްކަމެއް ދީގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
