ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރުގެ ޚިދުމަތް ލިބޭނެ - ސްޓެލްކޯ
9 ޖުލައި 2025 - 12:29

މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ސްޓެލްކޯއިން ސްމާރޓް މީޓަރު ހަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ސްމާރޓް މީޓަރުތައް އިންސްޓޯލްކޮށް ގާތްގަނޑަކަށް ހުޅުމާލޭގެ ސެކަންޑް ފޭސްގަ މި މަސައްކަތް އެއްކޮށް ނިމިފަ އެހުރީ. އަދި ސްމާރޓް މީޓަރ ޕްރޮޖެކްޓް ގާތްގަނޑަކަށް އެއްކޮށް ނިންމުމަށް އަޅުގަނޑުމެން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރުގެ ޚިދުމަތް ލިބިގެންދާނެ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ސްމާރޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތެވެ.
ފަހުމީ ވިދާޅުވީ، މި އައު ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަނެވިގެންދިއުމާއެކު، ކަރަންޓު އިޤްތިޞާދުކުރުމަށާއި ޚަރަދު ކުޑަކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، އެއްފަހަރާ ގިނަ ބިލުތަކަށް ފައިސާ ދެއްކުމަށް ފަސޭހަވެގެންދިއުމާއެކު، ސްޓެލްކޯ ކެއަރ މެދުވެރިކޮށް ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ ސީދާ މުޢާމަލާތުކުރުމުގެ ފުރުޞަތުވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްމާޓް މީޓަރު ޕްރޮޖެކްޓްގެ ދަށުން ސްމާޓް އެޕްލިކޭޝަންގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ލިބޭނެކަމަށެވެ. އަދި މި ސްމާޓް އެޕްލިކޭޝަނާއެކު، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވަގުތުން ބަލާލެވޭނެކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.