logoEN
ޚަބަރު

ގުދޯ ގުދޯ މި ގޮވަނީ އެންމެ ގުދުބޮޑު މީހާ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

07 މާރިޗު 2025 - 19:41

އެއްދުވަހަކު ހިޔަޅެއް ކުކުޅު ކޮށްޓަކަށް ވަދެ، ހާލެއް ޖަހައިގަނެގެން ދުވެފައި ދިޔައެވެ. ދެން، ވަލުތެރޭގައި އެކަނި ހަމަޖެހިލައިގެން އިނދެ ހާލުގެ މަސްގަނޑު ކާލަން ތައްޔާރުވިއެވެ. އެ ހިނދު، ހަމަ ކުއްލިއަކަށް، ބޮޑު ސިންގާއެއް އެތަނަށް އައެވެ. އަދި ހިޔަޅު އަތުން ހާ ޖަހައިގަނެން ގެންގޮސް، ހާލުގެ މަސްގަނޑު ސިންގާ ކާލިއެވެ.

އެ ވަގުތު ހިޔަޅު ސިންގާއަށް ބުންޏެވެ. ތިކުރީކީ ރަނގަޅު ކަމެއް ނޫނެވެ. އަހަރެން ކާން އިން ހާ ތިޔަހެން ބާރުގެ ބޭނުން ކޮށްގެން ޖަހައިގަނެގެން ގެންދިޔުމަކީ އެއްވެސް ހަމައެއް ލަމައެއް އޮތް ކަމެއް ނޫނެއް ނޫންހެއްޔެ؟ ތިޔައީ ބޮޑު އަނިޔާވެރި ވުމެއް ނޫން ހެއްޔެވެ؟ ތިހެން ކަންތައް ކުރުމުގައި އަދުލުވެރިކަމާއި އެއްވެސް އިންސާފެއް ނެތެއް ނޫންހެއްޔެވެ؟

ދެން، ސިންގާ ހިޔަޅުގެ މޫނަށް ބަލާލާފައި ބުންޏެވެ. ހަމައާއި އަދުލުވެރިކަމާއި އިންސާފުގެ ވާހަކަ އަހަންނަށް ކިޔައިދޭން ތިޔަ އުޅެނީ ކަލޭ ހިޔަޅު ހެއްޔެވެ؟ އެ ހާ، ކަލޭ ހޯދީ ކޮންތާކުން ހެއްޔެވެ؟ އެއީ ކަލޭ އަމިއްލައަށް މަސައްކަތްކޮށްގެ ލިބި ގަތް އެއްޗެއް ހެއްޔެވެ؟ ނޫނީ އެއީ ކަލޭ ކޮންމެވެސް ނިކަމެތި މީހެއްގެ ކުކުޅު ކޮށްޓަށް ވަދެ، ފޭރިގަނެގެން އައި އެއްޗެއް ހެއްޔެވެ؟ މީހެއްގެ އަތުން ކަލޭ އެ ފޭރިގަތުމުގައި އެއްވެސް މައްސަލައެއް ނެތް ކަމުގައި ވަނީ ނަމަ، ކަލޭ އަތުން އަހަރެން އެ ފޭރި ގަތުމުގައި އޮތް މައްސަލައަކީ ކޮބާ ހެއްޔެވެ؟

މި ވާހަކަ މި ހިސާބަށް ކުރުކޮށްލާނަމެވެ. އަސްލު މަޢުޟޫއަށް ޖެހިލާނަމެވެ. "އިންސާފު" އަކީ ނަމަކަށްވުރެ ބޮޑަށް ކުރެވޭ އިޙްސާސެކެވެ. އެ އިޙްސާޞް ކުރެވެން ޖެހެނީ މުޅި މުޖުތަމަޢަށެވެ. އަމިއްލަ ފަރުދަކަށްވިޔަސް އަދި މުޅި މުޖުތަމައަށް ކަމަށް ވިޔަސް އެ އިޙްސާޞް އެގޮތުގައި ކުރެވޭނީ ޝަރުޢީ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަކީ މިނިވަން ކަމާއެކު، އެއްވެސް ފަރާތަކަށް ނުޖެހި މައްސަލަތައް ފައިސަލާ ކުރާ ބަޔަކަށް ވެގެންނެވެ. ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވެގެންނެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށާއި، ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ އެ މަޤްޞަދުގައި ކަމަށް ބުނެ އެންމެ ފުރަތަމަ ބަޔާނެއް ނެރުނީ އިދިކޮޅު އެމްޑީޕީންނެވެ. ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހަށް ލިބުނު 5 އަހަރުގެ ވެރިކަމުގެ ދަޢުރުގައި އޭރު އޮތް ޖުޑިޝަލް ސާރވިސް ކޮމިޝަނުން 8 ފަނޑިޔާރަކު މަޤާމުން ވަކިކުރިއެވެ. 12 ފަނޑިޔާރަކު ސަސްޕެންޑް ކުރިއެވެ. 3 ފަނޑިޔާރެއްގެ މަޤާމު ދަށްކުރިއެވެ.ތަފާތު އެކިއެކި ސުލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅާ 33 ފަނޑިޔާރަކަށް ނަޞޭހަތް ދީފައިވެއެވެ.

ކަމެއް ރަނގަޅު ކުރުމަށް ނަޞޭހަތް ދިނުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ނަމަވެސް އޭރު އޮތް ޖޭއެސްސީގެ ކުރިމައްޗަށް ހުށަހެޅުނު މިފަދަ ކޮންމެ މައްސަލައެއް ބެލީ ސިޔާސީ ގޮތުން އޮތް ބާރެއް ބޭނުންކޮށްގެންނެވެ. އިންސާފާއި ހަމައިގެ ތެރެއިން ބެލުނީ މަދު މައްސަލައެކެވެ.

މިއީ ދެބަސްވުމެއް ނެތް ތަފާސް ހިސާބެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މި ވެރިކަމުގައި ސްޕްރީމް ކޯޓުން ސަސްޕެންޑް ކުރި ތިން ފަނޑިޔާރުން ސަސްޕެންޓް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ފަނޑިޔާރު ހުސްނުއްސުޢޫދުގެ މައްޗަށް އޮތީ މަޤާމުގެ ބޭނުންކޮށްގެން ހައިކޯޓުގެ މުވައްޒަފަކާ މެދު އުޞޫލުން ބޭރުން ޢަމަލު ކުރިކަމުގެ ތުޙުމަތެވެ. ޑރ އަޒްމިރަލްދާގެ ފިރިކަލުން މަސާޖު ޕާލާއެއްގެ ތެރޭގައި އޮއްވާ ހައްޔަރު ކުރުމުން، ފިރިކަލުންނަށް ބަންދު މުއްދަތެއް ޖަހާފާނެތީ، ކްރިމިނަލް ކޯޓުން އެ ދުވަހުގެ މުއްދަތު މަޖިލިސް ކުރިއަށް ގެންދިޔަ ޤާޟީއަށް ފޯނުން ގުޅައި އެ ވާހަކަ ދެއްކީއެވެ. ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުވެސް، ޑރ އަޒްމިރަލްދާ ޒާހިރު ބުނުއްވައިގެން ހަމަ އެކަމުގައި ކްރިމިނަލް ކޯޓުގެ އެހެން ޤާޟީއަކަށް ގުޅާ ވާނުވާ އޮޅުންފިލުވީއެވެ.

ތިން ފަނޑިޔާރުންގެ މި ސަސްޕެންޝަންގެ އިތުރުން، މި ދަޢުރުގައި ދެން އޮތީ 2 ފަނޑިޔާރަކަށް ދިން ނަޞޭހަތެކެވެ. އެހެންކަމުން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ކޮން ސަރުކާރަކުންތޯ ސުވާލުކޮށްފިނަމަ މި ދެންނެވި ތަފާސް ހިސާބުގެ އަލީގައި ޖަވާބެއް ދޭން ފަސޭހަވާނެ ކަމަށް ދެކެމެވެ. ގުދެއް އޮތް ނަމަ ގުދޯއޭ ގޮވަންވީއެވެ. ނަމަވެސް އެއަށް ވުރެ ބޮޑު ގުދެއް ތިމާގެ އޮތްނަމަ އަނެކާއާ ދިމާލަށް ގުދޯ ގުދޯ ގޮވުމަކީ އޭގެ ޒާތުގައި ހުތުރު ކަމެކެވެ.

ޗައިނާގެ ސަޤާފަތުގައި ކަޅު ކާޅެއް ކަޅު އޫރަކާ ދިމާއަށް ކަޅޭ ބުނާ ވާހަކައެއް އޮވެއެވެ. ދިވެހިންގެ ތެރޭގައި، ހަތް ގުދު އޮތް މީހާ އެއް ގުދު އޮތް މީހާ ދެރަކޮށްލުމުގެ ގޮތުން އޭނާއާ ދިމާއަށް ގުދެއް އޮތް ވާހަކަ ބުނާ ވާހަކައެއްވެސް އޮވެއެވެ. އިދިކޮޅު އެމްޑީޕީން ކޮށްގެން މިއުޅެނީ މި ޒާތުގެ ކަމެކެވެ.

ކޮމެންޓް

871x217_placeholder