ހާރިޖީ ވުޒާރާގައި ތިބީ 132 ސިޔާސީ މުވައްޒަފުން


10 މާރިޗު 2025 - 06:31
ހާރިޖީ ވުޒާރާގައި މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ތިބީ 132 ސިޔާސީ މުވައްޒަފުންކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުގައިވަނީ ރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ 41 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަނުކުރެވޭނީ ފޮރިން ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 އިންސައްތައަށް ވުރެ ގިނަ ނުވާނެގޮތަކަށްކަމަށް ބަޔާންވެފައިވާކަމަށެވެ. ނަމަވެސް މިހާރު ހާމަވެފައިވާ މައުލޫމާތުން މި އަދަދު އިތުރު ވެފައިވާކަމަށް މައުލޫމާތު ލިބޭކަމަށާއި ވީމާ ސާފުކޮށް އެ އަދަދު ވިދާޅުވެދެއްވުމަށް މެމްބަރުވަނީ ސުވާލުކުރައްވާފައެވެ.
ސުވާލު ޖަވާބު ލިޔުމުން ފޮނުއްވަމުން ވަޒީރު ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގައި ހެޑްކުއާޓާރސް ތަކުގައި ތިއްބެވި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދަކީ98 ކަމަށެވެ. އަދި މި ތާރީހުގައި މިޝަންތަކުގައި ތިއްބެވި 39 މުވައްޒަފުންނާއެކު ޖުމްލަ 137 ފޮރިންސާވިސް މުވައްޒަފުން ތިއްބެވިކަން ވަނީ ހާމަކުރައްވާފައެވެ. މިތާރީހުގައި ހެޑްކުއާޓާރސް ތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 18 ކަމަށާއި އަދި މިޝަންތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 98 ކަމަށާއި ޖުމްލަ އަދަދަކީ 116 ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޖަނަވަރީ މަހަށް ބަލާއިރު ހެޑްކުއާޓާރސް ތަކުގައި ތިއްބެވި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދަކީ 93 ކަމަށާއި މިޝަންތަކުގައި ތިއްބެވި 46 މުވައްޒަފުންނާއެކު ޖުމްލަ 139 ފޮރިންސާވިސް މުވައްޒަފުން ތިއްބެވިކަން ވަޒީރުވަނީ ހާމަކުރައްވާފައެވެ.
އަދި މި މުއްދަތުގައި އެ ވުޒާރާގެ ހެޑްކުއާޓާރސް ތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 28 ކަމަށާއި އަދި މިޝަންތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 104 ކަމަށް ބަޔާންކޮށްފައިވެއެވެ. ޖުމްލަ އަދަދަކީ 132 ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފޮރިން ސާވިސް ގާނޫނުގައިވާ ގޮތުން ސިޔާސީ މުވައްޒަފުން އައްޔަންކުރަން ވާނީ ފޮރިން ސާވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 އިންސައްތައަށްވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންނެވެ.
އިތުރު ލިޔުންތައް

އިނގިރޭސިވިލާތުގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
8 މަސް ކުރިން
އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން ގޮވާލުން ރާއްޖެއިން ކުށްވެރި ކޮށްފި
8 މަސް ކުރިން
އައިއޭއީއޭގައި ބައިވެރިވާން ރާއްޖެއިން ނިންމައިފި
7 މަސް ކުރިން