logoEN
ޚަބަރު

ކުރީގެ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު މިސަރުކާރުން ދައްކައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

11 މާރިޗު 2025 - 01:46

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް ނަގާފައިވާ 100 މިލިއަން ޑޮލަރުގެ (1.5 ބިލިއަން ރުފިޔާ) ލޯނު މިހާރުގެ ސަރުކާރުން މި މަހު ދައްކައިފިއެވެ.

މި ލޯނަކީ ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގާފައިވާ ލޯނެކެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ބައެއް މީޑިއާތަކަށް އިއްޔެ ވިދާޅުވި ގޮތުގައި، ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ޒިންމާ މި މަހުވެސް އަދާކޮށްފައިވެއެވެ.

"އެއީ އާންމު އުސޫލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކަށް ވާތީ މި މަހު ވެސް އެ ޒިންމާ އަދާކޮށްފައި ވާނީ. މިހާތަނަށް އެއްވެސް ޑެޓެއް ޑިފޯލްޓް ވެފައެއް ނެތް،" އެ އޮފިޝަލް ވިދާޅުވިއެވެ.

މި ލޯނު ނެގުމުގެ މައިގަނޑު ސަބަބަކީ 2022 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ދައުރުގައި ބަޖެޓް ވަރަށް ބޮޑަށް ތާށިވެ، މެނޭޖުކުރަން ދަތިވުމެވެ. އޭރު ސަރުކާރުން މި ލޯނު ނަގާފައިވަނީ 7.15 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި، ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި ރޭޓުން ބަލާއިރު، ލޯނު އަނބުރާ ދައްކާފައިވަނީ 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާ އެކުގައެވެ.

ކާގިލް ފައިނޭންސްގެ ލޯނުގެ އިތުރުން 2022 ވަނަ އަހަރު އިތުރު ލޯނުތަކެއްވެސް ނަގާފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަން އޮތުމުން، މިހާރުގެ ސަރުކާރުން މި ލޯނުތައް ދެއްކުމަށް އިސްކަންދީ، ޤައުމުގެ މާލީ ޒިންމާތައް އަދާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މި ލޯނު ދެއްކުމަކީ، ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް

871x217_placeholder