ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫން, މަނާތަކެތި ވެއްދުމުގެ ފުރުސަތު ދީގެންނުވާނެ: ސީޕީ ޒަރީރު


12 މާރިޗު 2025 - 14:54
ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ސެކިއުރިޓީ ބެލެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްގެ 30ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ސުލްހަ މަސަލަހަތު ނެތް ޤައުމަކީ އަނދާ އަޅިއަށްވެފައިވާ އަޅިތަކެއް ކަމަށެވެ.
މިއަދު މުޅި ދުނިއެއިން ފެނިގެންދަނީ އެފަދަ މަންޒަރުތަކެއް ކަމަށާއި 21ވަނަ ގަރުނުގައި ދުނިޔޭގައި އުޅެންޖެހިފައި މިވަނީ ސެކިއުރިޓީ ޗެލެންޖެންސްތަކާ އެކީގައި ކަމަށް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އޭގެ ތެރެއިން އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު އެހެންނަމަވެސް ސެކިއުރިޓީ ވަރަށް މުހިންމު ޤައުމެއް މިއީ. ކަންދިމާކުރި ގޮތުން އަޅުގަނޑުމެންގެ ސީ ބޯޑަރު ވަނީ ވަރަށް ބޮޑަށް ހުޅުވިފަ. އެ ސީ ބޯޑަރުން ފެށިގެން މި ޖަލުތަކާ ހަމައަށް އެކި ބާވަތުގެ ކުށްތައް ކޮށްފައި ތިބި މީހުން އެބައާދޭ. މިރޭ ތިޔަކުދިން އަޒުމަކަށް ހަދަންވީ މިތަނުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފުމަށް. އީމާންތެރިކަމާއި، ތެދުވެރިކަމާއި، ޤައުމީ ލޯތްބާއި، ވަފާތެރިކަމާއެކީ. ސީޕީ ޒަރީރު
ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ގައިދިންގެ ގޮތުގައި މިހާރުވެސް ޖަލުތަކުގައި 996 މީހުން އެބަތިބި ކަމަށެވެ.
އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުނު 33 ދަރިވަރުންނާ މުޚާތަބުކުރައްވާ ސީޕީ ވަނީ ރިޝްވަތާއި ޖަލުގެ ގޮޅިތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ އެއްވެސް ފުރުސަތެއް ދީގެންނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ދަރިވަރުންގެ ކޮނޑުގައި އެޅިފަ އޮތް ޒިންމާތަކާއި ވާޖިބުތައް ސީޕީ ވަނީ ތަކުރާރުކުރައްވާފައެވެ.
ނަތީޖާ ނެރެވޭނީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާ އެކީގައި މަސައްކަތްކޮށްގެން ކަމަށް ސީޕީ ވިދާޅުވިއެވެ.
ދަރިވަރުން ފުރިހަމަ ތިކުރީ ތިޔަ ދަރިވަރުންގެ މައިންބަފައިންގެ ވަރަށް ބޮޑު އުންމީދެއް. ޒަމާނަށް އަންނަ ބޮޑެތި ބަދަލުތަކާއެކުވެސް ތިޔަ ދަރިވަރުންގެ ބެލެނިވެރިން ވަނީ ރީތި އަޚްލާގާއި، އީމާންތެރިކަމާއި، ފުރިހަމައަށް ދަސްކޮށްދެއްވާފަ. ތިޔަ ނިކުންނަނީ މަސައްކަތުގެ މައިދާނަށް. ސީޕީ ޒަރީރު
ރާއްޖޭގެ ޖަލުތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހުމުގަ މާދަމާއިން ފެށިގެން ދަރިވަރުން އުފަލަން ޖެހެނީ ޤައުމީ ވާޖިބެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
ޖަލުތަކުގަ މަސައްކަތް ކުރާ 700އަށް ވުރެ އޮފިސަރުންނަކީ 24 ގަޑިއިރުގަ މަސައްކަތުގެ މައިދާނުގައި ތިއްބެވި ޤައުމީ ބަތަލުން ކަމަށާއި އެއިން އެއްވެސް އޮފސަރަކީ ދިމާވާ އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އަދި ކޯހުގައި ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބުރަކޮށް އުޅުއްވި މުދައްބިރުން ކުރެއްވި ބުރަބޮޑު މަސައްކަތްތަކަކީ އަބަދުވެސް ހަނދާންކުރާނެ މަސައްކަތެއްކަން ފާހަގަކުރައްވާ ސީޕީ ވަނީ އެ ބޭފުޅުނަށް ޝުކުރު އަދާކުރައްވާފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން 'ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ' ޕްރޮގްރާމްގެ 12ވަނަ ބެޗް މާފުށީ ޖަލުގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.
މިއީ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރުން ލާޒިމް ކޯހެކެވެ. މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.
8 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.