ފިތުރު ޒަކާތުގެ ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 2.9 މިލިޔަން ރުފިޔާ ލިބިއްޖެ


18 މާރިޗު 2025 - 02:48
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަދަދަކީ އޮންލައިންކޮށާއި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ބަލައިގެންފައިވާ ފައިސާގެ ޖުމްލައެވެ. މީގެ އިތުރުން، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެސްއެމްއެސް އަދި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތަކުގެ ތަފްސީލު ޒަކާތު ހައުސްއިން ދީފައިވެއެވެ. އެގޮތުން، 2 މާރިޗް އިން 20 މާރިޗްއަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް، އަދި 23 މާރިޗް އިން 30 މާރިޗްއަށް ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން މެންދުރުފަހު 2:00 އަށް ޒަކާތް ބަލައިގަންނާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މާލެސިޓީ ފިޔަވައި ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ކަމަށްވެސް ޒަކާތު ހައުސްއިން ހާމަކޮށްފައިވެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތައްވެސް ޒަކާތު ހައުސްއިން އާންމުކޮށްފައިވެއެވެ. އެގޮތުން، އާދައިގެ ހަނޑޫ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫ 62 ރުފިޔާ، ރަތް ހަނޑޫ 86 ރުފިޔާ، އަދި ބާސްމަތީ ހަނޑޫގެ އަގުތައް 74 ރުފިޔާއިން ފެށިގެން 133 ރުފިޔާއާ ހަމައަށް ހުރިކަން ފާހަގަކުރެވެއެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ ދުވަސްތަކުގައިވެސް ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފައިވެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާއިރު، މިގޮތުން، ދިރާގު އެޕް އަދި ދިރާގު ޕޭ ވެބްސައިޓް، އުރީދޫގެ އެމްފައިސާ އެޕްލިކޭޝަން، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން، ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް މޯބައިލް އެޕްލިކޭޝަން، ފަހިޕޭ އެޕްލިކޭޝަން، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ ވެބްސައިޓު ނުވަތަ ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އިތުރު ލިޔުންތައް

ޒަކާތުގެ ހައުސްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަނީ
6 މަސް ކުރިން
ޒަކާތު ހައުސް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
5 މަސް ކުރިން
ޒަކާތު ފަންޑުގެ އެހީ: މިއަހަރުގެ މިހާތަނަށް 9.1 މިލިޔަން ރުފިޔާ ހޭދަކޮށްފި
5 މަސް ކުރިން