logoEN
ޚަބަރު

ރައީސަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

18 މާރިޗު 2025 - 12:55

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ޢާއްމު ރައްޔިތުންނަށް ހުޅުވާލައިފިކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މިއީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރައްޔިތުން މި ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި، ސުވާލުތައް ރެކޯޑުކުރުމަށްފަހު ރައީސް އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ އިންތިޒާމް ރައީސް އޮފީހުން މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ޕޯޓަލަށް https://citizensvoice.gov.mv އިން ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ވަދެވޭނެއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ ފުރަތަމަ ފެށިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭރު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް ސުވާލު ނެގުމުގެ ގޮތުންނެވެ. ނަމަވެސް، މި ގޮތުން ކުރިއަށް ގެންދިއުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ހަމަހަމަ ފުރުޞަތު ނުލިބޭތީ، ވަގުތީގޮތުން މި ޕްރޮގްރާމް މެދުކަނޑާލާފައިވެއެވެ.

މިހާރު މި ޕްރޮގްރާމް އަލުން ފަށާފައިވަނީ ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ފުރުޞަތު ލިބޭގޮތަށް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ އިންތިޒާމު ހަމަޖެހުމާ ގުޅިގެންނެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ހުށަހެޅިދާނެއެވެ.

ރައީސް އޮފީހުގެ ބަޔާނެއްގައި ބުނެފައިވަނީ، މި އައު އިންތިޒާމުގެ ދަށުން ހުށަހެހުށަހެޅޭ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވާނެ ކަމަށެވެ. އަދި މި ޖަވާބުތައް "ރައީސްގެ ޖަވާބު" ސިލްސިލާގެ ދަށުން ޢާއްމުކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފަވެއެވެ.

މި އައު އިންތިޒާމަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު ގުޅުން ބަދަހިކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަން ހޯދުމަށް އިތުރު ފުރުޞަތެކެވެ.

ކޮމެންޓް

871x217_placeholder