logoEN
ޚަބަރު

ޝަމްއާން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމަށް ކުރީގެ ސީޕީ ފަސީޙު

މުހައްމަދު މޫސާމުހައްމަދު މޫސާ

21 މާރިޗު 2025 - 02:00

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމުން މުޙައްމަދު ޝަމްއާން ވަޙީދު ވަކިކުރައްވައި، އެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަޙްމަދު ފަސީޙު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

ނޮވެމްބަރު 19، 2023 އިން ފެށިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު ޝަމްއާން ވަޙީދު އިއްޔެ ކުއްލިގޮތަކަށް މަޤާމުން ވަކިކުރަށްވާފައިވާއިރު، ޝަމްއާން މަޤާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަލަށް އައްޔަންކުރެވުނު ފަސީޙަކީ ފުލުހުންގެ ޚިދުމަތުގައި 23 އަހަރު ހޭދަކުރެއްވުމަށްފަހު 2012 ގައި ރިޓަޔަރކުރެއްވި ބޭފުޅެކެވެ. އޭގެފަހުން، 2022 ގެ ޑިސެމްބަރު 12 އިން ފެށިގެން ޕޮލިސް ބޯޑުގައި މަސައްކަތްކުރައްވަމުން ގެންދެވިއެވެ.

މި ބަދަލު ގެންނަވާފައި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ ތަޙުޤީޤު ފަށާފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މަޤާމުން ވަކިކުރެވުނު ޝަމްއާނާ މި ތުހުމަތުތަކާ ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން ވެސް އަދި ސާފުވެފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder