މާދަމާއިން ފެށިގެން ރަށްތައް ދިއްލަން ބޭނުންވާތަކެތި ގެންދަން ފަށާނެ


23 މާރިޗު 2025 - 07:20
މި އަހަރުގެ ބަރަކާތްތެރި ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މާދަމާއިން ފެށިގެން ރަށްތައް ދިއްލަން ބޭނުންވާތަކެތި ގެންދަން ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުމުގެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލިގެންދާނެ ކަމަށާ، އަދި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި ޢީދުގައި ވަރަށް ޚާއްޞަ ޙަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އީދަށް ދިއްލުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެއްކަމާ، މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒަޢާމަތުގައި މި ދިޔަ އަހަރު ކަމަށް ވިދާޅުވިއެވެ. އަދި މި ދިއްލުން ވެގެން ދިޔައީ ކުޑަކުދިންނާއި، ޒުވާނުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ޙަރަކާތަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް ޢީދުލައިޓްތައް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މާލޭސިޓީގައި ޢީދުލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށާ، މި ކަމުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޢީދަށް މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ޙަރަކަތްތެރިވެ ވަޑައިގަންނަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ހާމަކުރެއްވި ގޮތުގައި މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިޠުރުޢީދުގައި ދިއްލައިލެވިގެންދާނެއެވެ. އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި، ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ދިއްލުމުގެ ޙަރާކާތު ކޮމިޓީން މަޢުލޫމާތު ދެއްވިއެވެ.
މި އަހަރު "ޢީދު އަލި" ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައި ގޮތަށް ވަނީ ހަމަޖެހިފައެވެ.