55 ކައުންސިލް އިމާރާތް އަޅަންވި އެއްބަސްވުން: ބަދަލުދޭކަށް ނުޖެހޭނެ


06 ޖުލައި 2025 - 10:33
ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ބާތިލުކުރިނަމަވެސް ބަދަލެއްދޭކަށް ނުޖެހޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލް އިދާރާތައް ހިންގާ އިމާރާތްތައް ބާވެ ވީރާނާ ވަމުންދާތީ، އެކަން ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިދާރާތައް އަޅަން މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މިކަމާ ގުޅިގެން މިއަދު ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ އެއްބަސްވުން ބާތިލުކުރީ، ކައުންސިލުތަކުން ގެންނަން ބޭނުންވި ބަދަލުތައް ގެންނަން އެ ކުންފުނިން އެއްބަސްނުވުމުން ކަމަށެވެ.މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެކަމަށާއި 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މިމަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 100 ރަށެއްގައި ކައުންސިލް އިދާރާތައް އަޅަން ހަވާލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ވަޒީރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައި ވަނީ އިމާރާތްތައް ބާވުމާއި ޖާގައިގެ ދަތިކަމާ ހުރެ ހިންގުމުގައި ދަތިތަކެއް ހުރުމުން 187 ރަށަކުން ކައުންސިލް އިމާރާތްތައް އަޅަން އެދިފައިވާ ކަމަށެވެ. ސަރުކާރުގެ ގާބިލްކަން ހުރި މިންވަރަކުން އެ މަސައްކަތްތައް ކުރިއަށްގެންދަން ވަޒީރު ވަނީ ނިންމަވާފައެވެ.