އެމްބީއެސް އަށް ޑީޖީ އެއް ހަމަޖައްސަވައިފި


24 މާރިޗު 2025 - 12:47
ޞިއްހީ ވުޒާރާގެ ދަށުން ހިންގަމުންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަޙްމަދު މަޢުޞޫމް މިއަދު ހަމަޖައްސައިފިއެވެ.
އަޙްމަދު މަޢުޞޫމަކީ މެނޭޖްމަންޓް ދާއިރާގައި ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ.
ޞިއްހީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްބީއެސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއާއި ޑިރެކްޓަރެއްގެ މަޤާމަށްވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖެއްސޭނެއެވެ. އަދި އެ އިދާރާއަށް ފިޒީޝަނެއްވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
އެމްބީއެސްއަށް މިވަގުތު ބޭނުންވާ 5 ނަރުހުން ހޯދުމަށް މިއަދު އިޢުލާންކޮށްފައިވާ ކަމަށާއި، އެހެނިހެން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޞިއްހީ ވުޒާރާއިން ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފަހިކޮށް، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ނިންމަވާފައިވެއެވެ. އަދި ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވެއެވެ. މި ނިންމެވުންތަކަކީ ތެލެސީމިއާ ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް އުއްމީދީ ޚަބަރެކެވެ.
އިތުރު ލިޔުންތައް

ކާތަކެތީގައި ބުޅާ މަސް އަދި ހުނީގައި ކޯނިޝް ޕައުޑަރު ހުރިކަމެއް ސާބިތެއް ނުވޭ: ވަޒީރު
8 މަސް ކުރިން
ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރެވޭ ގޮތް ހަމަޖައްސައިފި
7 މަސް ކުރިން
"މާހަރާ" ޕޯޓަލް: ބަލިމީހުންގެ ޚިޔާލާއި ޝަކުވާ މިހާރު ހުށަހެޅޭނެ
7 މަސް ކުރިން