މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


25 މާރިޗު 2025 - 01:54
ށ. މިލަންދޫ އިސްލާމީ މަރުކަޒު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މި މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
އެމްޓީސީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މިލަންދޫ އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ޚާއްޞަ ޖާގައަކާއި އުނގެނުމަށް ޚާއްޞަ ޖާގައެއް ހިމެނޭނެއެވެ.
މީގެ އިތުރުން، ށ. ފޯކައިދޫ އިސްލާމީ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން މި މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް 25 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ދެ އަހަރާއި ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އިސްލާމިކް މިނިސްޓްރީން މި މަހު އިތުރު މަޝްރޫއުތަކެއް ވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮފި އަދި 12 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުތަކުގެ ތެރެއިން 10 މަޝްރޫއެއް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. އަދި އަނެއް ހަތަރު މަޝްރޫއުގެ ތެރެއިން ތިން މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރެވިފައިވާއިރު، އެއް މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ.
އިތުރު ލިޔުންތައް

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު
7 މަސް ކުރިން
މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 4000 ރުފިޔާ
7 މަސް ކުރިން
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި
7 މަސް ކުރިން