logoEN
ޚަބަރު

އީދު ހުތުބާގައި ގޮވާލީ އެއްބަޔަކު އަނެއްބަޔަކަށް އާޅާލާ އޯގާތެރިވުމަށް

ހުސައިން ވަސީމްހުސައިން ވަސީމް

30 މާރިޗު 2025 - 14:15

ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީ ރުޅިވެރިކަމާއި ހަސަދައިން ހިތްތައް ސާފު ކުރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ. މިއަދުގެ ޢީދު ނަމާދު ވަނީ މާލެއާއިި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ބޮޑު ޖަމާޢަތުގައި އަދި ބޮޑެތި މިސްކިތްތަކުގައި ކޮށްފައެވެ.

މިއަދުގެ އީދު ހުތުބާގައި ގޮވާލަފައި ވަނީ އެކަކު އަނެކަކަށް އަޅަލާ އަނެކުންގެ ބޭނުންތައް ފުއްދައި ދިނުމަށް ގޮވާލާފަ އެވެ. އަދި އެއްބައިވަންތަވެ، ރަހިމުގެ ގުޅުން ދަމަހައްޓައި މުޖުތަމައުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަން ގާއިމް ކުރުމަށް ގޮވާލައިފައިވެ އެވެ.

ޢީދު ނަމާދުގެ ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބޭކަމަށާއި، އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ގުޅުން ބަދަހި ކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

އިސްލާމީ ޢީދުތަކަކީ، އޭގެ އުފަލުގައި އެންމެން ބައިވެރިކުރުވާން ޖެހޭ އިޙުތިފާލުތަކެއް ކަމަށާ ޢީދު އުފާފާޅުކުރަންވީ ހަމަ އެކަނި ތަނަވަސް މީހުން އެކަނިނޫންކަމަށާއި، ތަނަވަސްކަމުގެ އަހުލުވެރީން، އެ ދުވަހުގައި އުފާފާޅުކުރަންވީ ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެންކަމަށެވެ. ފިޠުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައިވަނީ، އޭގެ ސަބަބުން ފަޤީރުންނަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީކަމަށާއި، އިސްލާމީ ޢީދުތަކަކީ، ޒީނަތްތެރިވުމުގެ މުނާސަބަތުތަކެއްކަމަށްވެސް ޚުޠުބާގައި ބުނެފައިވެ އެވެ.

ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ އިސްލާމްދީނާއި އެކުވެރިކަމާއި މިނިވަންކަން އަދި އިސްތިގުލާލު ކަމަށާ އީދު ނަމާދަށް އެއްވެ ތިބި ތިބުން ދޭހަކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަން ކަމަށެވެ. އަދި ކުޑަކުދިންނާއި ބޮޑެތިމީހުން އަދި ފަގީރުންނާއި މުއްސަނދިންގެ މެދުގައި އޮތް ކުލުނުވެރިކަމާއި ލޯބި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

އީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ވަނީ އީދުގެ އުފާ ފާޅުކުރަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންގެ މަތިން ހަނދާން ކުރުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް

871x217_placeholder