logoEN
ޚަބަރު

މިދިޔަ ހަފްތާގައި މިފްކޯއަށް ކިރުވި މަހަށް 11.9 މިލިއަން ރުފިޔާ ދޫކުރި

އާމިނަތު ސަފާއާމިނަތު ސަފާ

31 މާރިޗު 2025 - 06:40

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 11.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިދިޔަ ހަފްތާގައި މިފްކޯއަށް 177 ދޯންޏަކުން މަސްކިރުވާފައިވާއިރު އެ ދޯނިތަކަށް 11.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު އިތުރުވިނަމަވެސް މަސްވެރިކަން ވަނީ ދަށްވެފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިފަހުގެ ތާރީހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވާފައިވަނީ މިދިޔަ މާޗްމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު މިފްކޯއިންވަނީ 40 މަސްދޯންޏަކަށް 7.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން ގެންނަވަމުންދާކަމަށާއި މިދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދޭގޮތުގައި މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް މަސްވެރިންނަށް ޖުމްލަ 385 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސަ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިޒޯޑުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައއްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހު 10 ވަނަ ދުވަހުން ފެށިގެން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ސަރުކާރުން ފައިސާ ދޫކުރަން ފަށާަފައިވާ ކަމަށެވެ. އަދި މިގޮތަށް ގަވާއިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަަށެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީ އިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ ހުރި ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ފައިސާވެސް މިހާރު ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުން ކަމަށެެވެ.

ކޮމެންޓް

871x217_placeholder