logoEN
ޚަބަރު

2000 ވަނަ އަހަރުން ފެށިގެން އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަނީ

ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

02 އޭޕްރީލު 2025 - 09:32

2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި، ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ދުންފަތުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައަކަށްވާއިރު، އެމަނިކުފާނު މަސައްކަތްކުރައްވަނީ އެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށްކަމަށާއި، އެފަދަ ނުރަނގަޅު އާދައެއް، މުޖްތަމައު ތެރެއަށް ދޫކޮށްލައިގެން ސަރުކާރުތަކުން ތިބެންޖެހޭ ސަބަބެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.

އަޅުގަނޑު ޙަޤީގަތުގައި ވެސް މި އުޅެނީ މި މައްސަލަ ޙައްލުކުރަންވެގެން. އަޅުގަނޑުމެންގެ ޅަ ދަރިން، ތުއްތު ކުދިން ޚާއްސަކޮށް މި ނުރަނގަޅު އާދައިގެ ތެރެއަށް ދާން ދޫކޮށްލައިގެން ސަރުކާރެއް އޮންނަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ސަރުކާރެއްގެ ޒިންމާތަކެއް އެބައޮތޭ އަޅުގަނޑު ގަބޫލުކުރަނީ އިނގޭތޯ. ސަރުކާރުން މި ޒިންމާ އަދާކުރަން ޖެހެޔޭ. އެހެންނޫނިއްޔާ ހަމަ އެހެން ގައުމުތަކުގައި ވެސް ވާހެން ހަމަ ރާއްޖޭގައި ވެސް މި ދަނީ ހަމަ ޒުވާން ކުދިން ހަމަ ސިނގިރޭޓުގެ ތެރެއަށް ނުވަތަ ދުންފަތް އިސްތިމާލުކުރުމުގެ ތެރެއަށް ގޮސް، ދެން އޭގެން ސަލާމަތްނުވެގެން އުޅެން މި ޖެހެނީ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަދި މިފަދަ ކަންކަން ޙައްލުކުރުމުގައި ސަރުކާރުތަކުގެ ޒިންމާއެއް އޮންނަކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި މައްސަލަ ޙައްލުކުރުމުގައި އެމަނިކުފާނު ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް ފިޔަވަޅުތައް ވެސް ހިއްސާކުރައްވާފައެވެ. އެ ފިޔަވަޅުތަކަކީ:

- 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

- 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

- 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

އެގޮތުން ރައީސް ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށްޓަކައި މިކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމްއާ ޙަވާލުކުރައްވާފައިވާކަމަށާއި، އެ ކަރުދާސް ތައްޔާރުކުރުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޑޮކްޓަރުންނާއި އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާ ވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޒުވާނުންގެ ތެރެއިން 18 އަހަރުގެ ޒުވާނުންނަށް، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަކީ 40 ނުވަތަ 50 އަހަރުގެ މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް ވުރެން ފަސޭހަވާނެ ކަމެއްކަމަށެވެ. އަދި އެގޮތަކީ ކުރިއަށް އޮތް ޖީލަށް ބަލާއިރު ވެސް އެންމެ ރަނގަޅުވާނެ ގޮތް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވީމާ 18 އަހަރު ފުރިގެން ނޫނިއްޔާ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިމާލުކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވިއްޖެއްޔާ އެއީ އެންމެ ރަނގަޅު ގޮތޭ. އަދި ފަށައިގެން ވެސް މާގިނަ އަހަރުތަކެއް ނުވެތިބި ކުދިން އެއިން ސަލާމަތްކުރަން ހުއްޓުވަން ފަސޭހަވާނޭ، އާދަ އޭގައި ހިފާފައި ހުރިވަރު ކުޑަވާނެތާ އެކުދިން، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން، ރާއްޖޭގައި ސިނގިރޭޓު އެތެރެކޮށް އޭގެ ވިޔަފާރި ނުކުރުމަށް ވެސް އެމަނިކުފާނު ވަނީ އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

ކޮމެންޓް

871x217_placeholder