logoEN
ދުނިޔެ

ސުކޫލުތަކަށް ދިން ހަމަލާއެއްގައި 33 މީހުން ޝަހީދުކޮށްލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

04 އޭޕްރީލު 2025 - 06:13

ޣައްޒާގައި ހުރި ސުކޫލުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 33 މީހުން ޝަހީދުކޮށްލައިފިއެވެ.

ޝަހީދުކޮށްލި މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ސުކޫލުތަކަކީ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުން ހިޔާވަހިކަން ހޯދައިގެން ތިބި ސުކޫލެކެވެ. އަލް-ތުއްފާޙް އަވަށުގައި ހުރި މި ސުކޫލުތަކުގެ ތެރެއިން ދާރް އަލް-އަރްޤަމް ސުކޫލަށް ދިން ހަމަލާގައި 18 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

ދާރް އަލް-އަރްޤަމްގެ އިތުރުން ޣައްޒާ ސިޓީގެ ފަހްދު މަދަރުސާއަށާއި، ތުއްފާޙްގައި ހުރި ޝަޢުބާން އަލް-ރަޔީސް މަދަރުސާއަށް ވެސް ހަމަލާތައް ވަނީ ދީފައެވެ. އޭގެ ތެރެއިން ފަހުދު މަދަރުސާއަށް ދީފައިވާ ހަމަލާތަކުގައި އިތުރު ހަތަރު މީހުން ޝަހީދު ކޮށްލާފައިވާއިރު، ޝަޢުބާން އަލް-ރަޔީސް މަދަރުސާއަށް ބޮންއަޅައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު އަދި ސާފުވެފައެއް ނުވެއެވެ. ޔަހޫދީން ވަނީ އެއް ސުކޫލަކަށް ހަތަރު ފަހަރަށް ބޮން އަޅައި އަނިޔާވެރި އަމަލުތަކެއް ހިންގާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކުގައި 112 މީހުން ޝަހީދުކޮށްލާފައިވާއިރު މާޗުމަހުގެ 18 ވަނަ ދުވަހު ހަނގުރާމަ އަލުން ފެށިފަހުން ހަމަލާތަކާ ގުޅިގެން 280،000 އަށްވުރެ ގިނަ ރައްޔިތުންވަނީ ގެދޮރު ދޫކޮށް އެކި ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

މިފަހުން 15 އިޖުތިމާއީ ހިދުމަތްތެރިއަކު ޔަހޫދީން ވަނީ ހަނގުރާމައިގެ އުސޫލުތަކާ ހިލާފަށް ޝަހީދުކޮށްލާފައެވެ. ޝަހީދުކޮށް ވަޅުލާފައިވާ އެ 15 އިޖުތިމާއީ ހިދުމަތްތެރިންގެ ހަށިގަނޑު ފަލަސްތީނުގެ ޣައްޒާއިން ފެނިފައިވާ ކަމަށާއި، އެ މީހުން ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީން ދިން ރަހުމު ކުޑަ ހަމަލާތަކެއްގައި ކަން އެކުވެރި ދައުލަތްތައް (އދ)ން ވަނީ ހާމަކޮށްފައެވެ. ޝަހީދު ކޮށްލާފައިވާ 15 ހިދުމަތްތެރިންގެ ތެރޭގައި ހިމެނެނީ ރެޑް ކްރެސެންޓާއި، ފަލަސްތީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާ އަދި އދގެ މުވައްޒަފުންނެވެ.

ޣައްޒާއަށް މިހާރު ދެމުން އަންނަ ހަމަލާތަކުގައި ބައި ލައްކައަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު 114،638 މީހުން ވަނީ ޒަހަމްކޮށްލާފައެވެ. ނަމަވެސް ޝަހީދުވި މީހުންގެ އަދަދު 61،700 އަށްވުރެ ގިނަވާނެކަމަށް ފަލަސްތީނު ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބިކަމަށް ލަފާކުރެވޭ މީހުން ހިމެނެއެވެ.

ކޮމެންޓް

871x217_placeholder